ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ފުލުހުންގެ ލެ އާއި ފުރާނައިން އަގު ދައްކާފައިވޭ: ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

ރާއްޖެއަކީ އަމާންތަނަކަށް ހެއްދުމަށްޓަކައި ދިވެހި ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ރައްޔިތުން ގަބޫލުކުރައްވާނެ ކަން ފާހަގަކުރައްވާފަ

ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް ދިވެހި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ފުލުހުންގެ ލެއާއި ފުރާނައިން އަގު ދައްކާފައިވާކަން ރައްޔިތުން ހެކިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ އަމިއްލަ ފުރާނަ ގުރުބާންކޮށްފައިވާކަން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފެންނަން އެބަހުރި ކަމަށެވެ.

"އެގޮތުން ޝަހީދު އާދަމް ހަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިސްބާހް އަބްދުﷲ، އަދި ޑިއުޓީ އަދާކުރުމުގަ ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަތިބި. ފުލުހުންގެ 20 އަހަރުގެ މާޒީގައި ބަތަލުންނަކީ އެއީ" ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

ވޭތުވެދިޔަ 20 އަހަރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ ރާއްޖެއަކީ އަމާންތަނަކަށް ހެއްދުމަށްޓަކައި ދިވެހި ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ރައްޔިތުން ގަބޫލުކުރައްވާނެ ކަން ފާހަގަކުރައްވާފައެވެ.

އަންހެނަކު ރަހީނު ކުރި މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާގެ ވާހަކަވެސް ހިއްސާކުރައްވާފައެވެ.

ފުލުހުންނަކީ އެ މީހުން ކުރާ މަސައްކަތުގައި ރިސްކް އޮތް ބައެއްކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެކަން ފުލުހުންނާއި ފުލުހުންގެ އާއިލާތައް ގަބޫލުކުރާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ކޮންމެ ފުލުހުން މަސައްކަތް ކުރަނީ އެ މީހުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް. މި މަސައްކަތުގެ ތެރޭގައި ފުލުހުންނަށް ތައުރީފްކުރުމާއި ފުލުހުންނަށް ފާޑުކިޔުމާ އެއީ މި މަސައްކަތުގެ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަން. މިއަދަކީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާގެ ޒަމާން. މަގުމަތީގަ ހުންނަ ކެމެރާތަކުން ފުލުހުންގެ އެކިއެކި އޭންގަލްތަކުން ފޮޓޯ ނަގާނެކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ އެކަން އޮންނާނެ ގޮތްވެސްވެ" ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ތަމްރީނުތައް ބައްޓަން ކުރަނީ ތަހުޒީބު، ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ކަމަށެވެ.

ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން ތައްޔާރުކުރަން ޖެހޭކަން ފާހަގަކުރައްވާ ސީޕީ ވަނީ ޑްރަގް އަދި މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ތަފާތު ގޮތަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޤައުމުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ތަހުގީގު ކުރުމުގަ ފުލުހުން މިހާރަށްވުރެ ކުޅަދާނަވާން ޖެހޭ ކަމަށާއި ޓެރެރިޒަމާއި، ފައިނޭންޝަލް ކްރައިމްސްތައް ތަހުގީގު ކުރުމުގަ ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކުން އިތުރުކުރަން ޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ މަސައްކަތުގެ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލައިދޭން ޖެހޭ ކަމަށާއި މިމަގަށް ކަންކަންވެގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ދެއްވާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީޕީ ވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5ވަނަ ދުވަހުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.