ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ހަރުދުކުރަނީ ސަރުކާރުން، އެމްޓީސީސީއަށް ގެއްލުމެއް ނުވާނެ: ސީއީއޯ ސައުދީ

ސަރުކާރުގެ ޓެކްސީ ލައިންގެ ނަމޫނާއެއް

މި ހިދުމަތުގެ ސަބަބުން އެމްޓީސީސީގެ މާލީ ހާލަތަށް އެއްވެސް ގެއްލުމެއް ނުކުރާނެކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ޓެކްސީ ލައިނާ ގުޅޭގޮތުން ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސައުދީ ވިދާޅުވީ ތިމާވެއްޓާ، ރައްޓެހި ޓެކްސީ ލައިނެއް ތައާރަފްކުރާނީ، މި ލައިންގެ ފްލީޓުގައި ހިމެނޭ އީވީ ކާރުތައް އާންމުންނަށްވެސް ގަނެވޭނޭފަދަ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން ސައުދީ ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ ތަރޭގައި މި ހިދުމަތް ދިނުމަށް ކުރިން ނިންމާފައިވާ ވީނަމަވެސް މިހާރު ޓެކްސީ ލައިންގެ ހިދުމަތް މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ފެށޭނޭކަމަށް ލަފާކުރެވޭކަމަށެވެ. މިގޮތަށް ބަދަލު އައިސްފައިވަނީ ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާތީކަން ހާމަކުރައްވަމުން ސައުދީ ވިދާޅުވީ މީގެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ އިންވެސްޓް ކޮށްދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ.

ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދައި، އެ ކުންފުންޏާއެކު ކޮންޓްރެކްޓް ހަދާފައިވާކަން ފާހަގަކޮށް ސައުދީ ވިދާޅުވީ އެ ފަރާތަށް އެޑްވާންސްކޮށް ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.