ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު
އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދޭން ރައީސް ޞާލިހްގެ ސަރުކާރުން އެއްބަސްވެ އެ ފައިސާ ވަނީ ހަވާލުކޮށްފައި
ނޫމަޑި މައްސަލައާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދުއާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިޞިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ސީޕީ ވަހީދު ވަނީ ނޫމަޑި އެގްރިމަންޓު ބާތިލުކުރުމުގެ އެންމެ އިސް މޭސްތިރިއަކީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުޢިއްޒު އެ މައްސަލައާއި ގުޅިގެން އޭރު ގުޅުއްވީ އޭނާއަށް ކަމަށާއި، އޭނާ މިހާރުގެ ކޮމިޝަނަރު ޝުޖާއުއާއެކު ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ ވާހަކަތައް ދޮގުކުރެއްވުމަށް ކޮމިޝަނަރ ޝުޖާއު ވަނީ މިއަދު ނޫސްބަޔާނެއް ނެރުއްވައިފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ނޫމަޑި މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޝުޖާއާ ބައްދަލުކުރެއްވި ވާހަކައަކީ ހަގީގަތާ ޚިލާފު "އެއްވެސް އަސާސެއް ނެތް" ވާހަކައެއްކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއަކަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިޞިއްޔަތަކުން ބައްދަލުކޮށްފައިނުވާނެ ވާހަކަ ވެސް "ކަށަވަރު" ކަމާއެކު ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލްކޮށްފައެވެ. އަދި އެ މައްސަލައިގެ ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށައެޅިއެވެ. އެގޮތުން އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދޭން ރައީސް ޞާލިހްގެ ސަރުކާރުން އެއްބަސްވެ އެ ފައިސާ ވަނީ ހަވާލުކޮށްފައިވެއެވެ.
ކޮމެންޓް