މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ބައެއް: މިނިސްޓަރ ޑރ. މާރިޔާ

މިނިސްޓަރ މާރިޔާ

ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވި

މަތީ ތަޢުލީމު ފުރިހަމަކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރުތަކުން ފުރިގެންވާ، ހަރުދަނާ ޒުވާނުންތަކެއް ކަމަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ، "ޝީވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އެކަމަނާ ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތްކުރަމުން ދަނީ ދިވެހި ޒުވާނުން އެކި ދާއިރާތަކަށް ހޭލުންތެރިކުރުވައި، ޒުވާނުންގެ ވިސްނުން ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާ ކުރުމަށް ކަމަށެވެ.

އެކަމަނާގެ މި ވާހަކަފުޅުގައި، އިނގެރޭސި ވިލާތުން ދެއްވާ ޝީވްނިންގ ސްކޮލަޝިޕްއަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ޝައުގުވެރިވާ ސްކޮލަޝިޕެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިނގެރޭސި ވިލާތުން ދިވެހި ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކާއި އެ ސްކޮލަޝީޕްތަކަށް ދަރިވަރުން ހޮވުމުގައި ދެއްވި އެއްބާރުލުމާއި އެހީއަށް ވަނީ ޝުކުރުޢަދާކުރައްވާފައެވެ.

"އިނގެރޭސި ވިލާތް ފަދަ ޤައުމެއްގައި، ތަފާތު ސަޤާފަތްތަކާއި އާދަކާދަތަކުގެ ތެރޭގައި، ތަޢުލީމު ހާޞިލުކުރަމުންދާއިރު ދިވެހި ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްވުމުގެ އިތުރުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމާއި، ނަމަވެސް މަތީ ތަޢުލީމު ފުރިހަމަކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ޒުވާނުންނަކީ އެފަދަ ގޮންޖެހުންތަކުން އަރައިގަންނަ، 21 ވަނަ ގަރުނަށް ބޭނުންވާފަދަ ހުނަރުތަކުން ފުރިގެންވާ ހަރުދަނާ ޒުވާނުންތަކެއް" މިނިސްޓަރ ޑރ. މާރިޔާ ވިދާޅުވިއެވެ.

ޝީވްނިންގ/މޯލްޑިވިސް ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން، އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ބްރިޓިޝް ހައި ކޮމިޝަންގެ އިސްބޭފުޅުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.