ގްލޯބަލް ކޯލިޝަން ޓު ޑިފީޓް ޑައެޝް/އައިސިސްގެ 10 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ބައްދަލުވުމުގެ ތެރެއިން

މިއީ ރާއްޖެއިން މި ކޯލިޝަންގެ މިނިސްޓީރިއަލް ބައްދަލުވުމެއްގައި ބައިވެރިވި ފުރަތަމަ ފަހަރު

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި 30 ސެޕްޓެމްބަރ 2024 ދުވަހު ބޭއްވުނު "ގްލޯބަލް ކޯލިޝަން ޓު ޑިފީޓް ޑައެޝް/އައިސިސް (ޑީ.އައިސިސް)" ގެ 10 ވަނަ މިނިސްޓްރީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެއެވެ.

"ގްލޯބަލް ކޯލިޝަން ޓު ޑިފީޓް ޑައެޝް/އައިސިސް (ޑީ.އައިސިސް)" އަކީ ދުނިޔޭގައި ފެތުރެމުންދާ ނިރުބަވެރިކަމާއި ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި 2014 ވަނަ އަހަރު އެމެރިކާ ސަރުކާރުގެ އިސްނެ ގުމުގެ މަތިން އުފައްދާފައިވާ އިއްތިހާދެކެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޑީ-އައިސިސް ކޯލިޝަންގެ މެންބަރަކަށްވުމަށްފަހު، މިއީ ރާއްޖެއިން މި ކޯލިޝަންގެ މިނިސްޓީރިއަލް ބައްދަލުވުމެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަމުގައިވާތީ، ޑީ.އައިސިސްގެ 10 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ރާއްޖެއަށް މަރުހަބާ ކިޔާފައިވެއެވެ. ދިވެހިރާއްޖެ މެންބަރަކަށް ވުމާއިއެކު، މިއިއްތިޙާދުގެ މެންބަރު ޤައުމު ތަކުގެ ޖުމްލަ ޢަދަދަކީ 87 އެވެ.

މިއަދުގެ ބައްދަލުވުމުގައި މި ކޯލިޝަންގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ފާހަގަކުރިގޮތުގައި، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ކޯލިޝަންގެ މަސައްކަތްތަކުން ނިރުބަވެރިކަމާއި ދެކޮޅަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވަނީ ހާސިލުކުރެވިފައެވެ. ނަމަވެސް، ޓެރަރިޒަމްގެ ބިރުވެރިކަމަކީ އަދިވެސް ދުނިޔޭގެ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ. މިގޮތުން، ޤައުމުތަކުގެ ދެމެދުގަޔާއި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާއެކު މުހިއްމު މަޢުލުމާތު ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި އޮތުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.