މިއަހަރު ހައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ގައުމީ އެއާލައިނުން: މިނިސްޓަރު ޝަހީމް

ދިވެހި ހައްޖުވެރިން ފުރުން

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވައަނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ގައުމީ އެއާލައިންގައި ފުރާފައިވާއިރު މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ހައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ.

މިއަދު އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހުގެ ތާރީހެއްގައި ދިވެހި ހައްޖުވެރިން ގައުމީ އެއާލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއަހަރު ހައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ގައުމީ އެއާލައިނުގައިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެނިހެން އަހަރުތަކުގައި ހައްޖުވެރިން ސައުދީ އެއާލައިންތަކާ އަދި އެނޫންވެސް ބޭރުގެ ބައެއް އެއާލައިންތަކުން ދަތުރުކުރާއިރު، ސަރުކާރުން އަންނަނީ ހައްޖުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވް ތައާރަފުކޮށްފައިވާއިރުު މިކަމުގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފައެވެ.

މިއަަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ހައްޖުވެރިން މީގެ ކުރިން މައްކާއާއި މަދީނާއާ ދެމެދު ކުރާ ދަތުރަކީ 8 ގަޑިއިރާއި 10 ގަޑިއިރާ ދެމެދު ދަތުރެއްކަމަށެވެ. އެހެންނަމަވެސް ރައީސް ނިންމެވުމާއެކު މިއަހަރުން ފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންގެ ފުރިތަމަ ގުރޫޕު އިއްޔެ ފުރާފައިވާއިރު ދެވަނަ ގުރޫޕު ފުރާފައިވަނީ މިއަދުއެވެ. ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.