ހުރިހާ ފިކުރެއް އެއްގަލަށް އަރުވައިގެން ކުރެވުނު މަސައްކަތް

ހުރިހާ ފިކުރެއް އެއްގަލަށް އަރުވައިގެން ކުރެވުނު މަސައްކަތް

ރާއްޖޭގައި ޑިމޮކްރަސީ ބަލިކަށިކުރީ ކޮންކަމެއް؟

ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ބޮޑު ބައެއް ހިމެނިގެން ގޮސްފައިވަނީ ދެކަފިވެ ދެބައިވުމާއި އެކުގައި އޮވެ ގުޅިގެން ކަމަށް ދައްކާ އެއްބައިވަންތަކަމުގެ ދަޅަތަކުގެ ތެރޭގައި ޑިމޮކްރަސީ ބަލިކަށި ކޮށްލި ކަމަކަށެވެ. ހުޅަނގާއި އޭޝިއާ ފަދަ ޤައުމުތަކުގައެވެ. އަދި އެކަމުގައި ދިވެހި ރާއްޖެ އިސްތިސްނާވެފައި އޮތްކަމަށް ބުނެވޭކަށް ނެތެވެ.

އެހެން ނަމަވެސް އެކަމެއްގެ ނަތީޖާ ނުކިއްސަރުކޮށް ލިބިގެން ގޮސްފައި އޮންނަނީ ހިނގައިދިޔަ ޙާދިޘާއަކުންނެވެ. އެއީ 1988 ގެ ނޮވެމްބަރު 3 ކަމަށް ވިޔަސް 2004 ގެ ސުނާމީ ކާރިޘާ ކަމުގައި ވިޔަސް އަދި ރައީސް މައުމޫނުގެ ވެރިކަން 2008 ގެ ނޮވެމްބަރު މަހުގެ 11 ގައި ނިމިގެން ދިއުން ފަދަ ކަމަކަށްވީނަމަވެސް ބަދަލުވެގެންދާ ކަންކަމުގެ ތެރެއިންނެވެ. ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެއްބަސްކިޔައިގެން ޑިމޮކްރަސީގެ ފޮނިމީރުކަން ގެނައުމަށް ވެރިކަމަށް އެރުވި މުޙައްމަދު ނަޝީދުގެ ވެރިކަން ހަމަ އެރައްޔިތުން ނިކުމެ ބިކަކޮށްލުން ފަދަ ޙާދިޘާތަކުގެ ތެރެއިންނެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ނުކުޅެދޭ އެއްޗަކަށް ޑިމޮކްރަސީ ހަދައިލުމުގެ އެންމެ ބޮޑު އެޖެންޓަކަށް އޭރުވެސް އަދި މިހާރުވެސް އޮތީ ސޯޝަލް މީޑިއާއެވެ. އެހެން ނަމަވެސް މާސް މީޑިއާގެ މަތީފަންތީގެ ދައުރެއްވެސް މީގައި އޮތްކަމަށް ބުނެވިދާނެއެވެ.

ޙަޤީޤަތުގައި ވަކިފަރާތަކަށް ނުޖެހި ޚަބަރު ފެތުރުމަކީ ތަފާތު ފިކުރުތައް އެއްގަލަކަށް އަރުވައިދޭ ބޭހެވެ. ވަކާލާތުކޮށް އަޑު އުފުލައި ޚިޔާލު ހޯދުމުގައި ދެފަރާތުގެ ބައިވެރިވުން ހަމައަށް ގެނެސްދެވޭނެ ކާނާއެވެ. ރާއްޖޭގެ މީޑިއާތަކުން އަމާނާތްތެރިކަމާއި އެކު ތެދު ވާހަކަތައް ގެނެސްދިނުމަށް އޮތް އެންމެ ބޮޑު އެއްފުރުޞަތަކީވެސް ގުޅި ލާމެހިގެން ދެފަރާތުގެ އަޑު ހަމަހަމަ ކަމާއި އެކު ފަތުރައި ދިނުމެވެ. ބާގަނޑުތައް ބޮޑު އޮޅުންބޮޅުން އަންނަ ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދާއިރު ދެފަރާތެއްގެ ޚިޔާލު ތަފާތުވުންތައް އެއް އަރައިރުމަކަށް ގެންނަ މަޞްދަރަކީ ސަރުކާރަކަށް އޮންނަ ފުރުޞަތެކެވެ. އެހެން ނަމަވެސް މިހާތަނަށް ފެންނަމުން އައިސްފައިވަނީ އެހެން މަންޒަރެކެވެ. ރައްޔިތުންގެ ފައިސާއިން ޚަރަދުކުރުމަށް އޮންނަ މީޑިއާތަކަކީވެސް އެއިރަކު ހުންނަ ވެރިއެއްގެ ޕްރޮޕެގެންޑާ ފަތުރާ ވަސީލަތަކަށް ވެގެން ދިއުމެވެ. ކަމުގެ މުހިންމުކަމާއި މުޖުތަމަޢު އޮންނަންވީ ހަމަތަކާއި މިންތަކަށް ބާރުއެޅުމެއްނެތި ސިޔާސީ ހަމަނުޖެހުމާއި ދެބަސްވުންތަކަށް މަގު ފަހިވާ ގޮތަށް މީޑިއާ ބައްޓަން ކުރުމެވެ. ޖުމްލަކޮށް ފެންނަނީ ރޯވެ އަނދަމުންދާ އަލިފާނުގެ ހުޅުގަނޑު ބޮޑުވާނެހެން އިތުރަށް ދަރު އަޅައި އެންދުމެވެ. އަދި އެއީ ޤައުމީ ސިޔަސީ ޚަބަރުފެތުރުން ކަމަށް ދެއްކުމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކުރުމެވެ.

ރާއްޖޭގައި ބަރުލަމާނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި 2007 ވަނަ އަހަރު ރައްޔިތުން ވަނީ ރިޔާސީ ވެރިކަމަކަށް ތާއީދުކުރާކަމަށް ބުނެފައެވެ. ބޮޑު އަޣުލަބިއްޔަތަކުންނެވެ. އަދި އެފަދަ ޚިޔާލު ހޯދުމުގެ ވޯޓަކަށް ތާއީދުކުރި މީހުންވެސް އަދި ދެކޮޅުހެދި މީހުންވެސް އެއަށް އިޙުތިރާމްކޮށް އަޣުލަބިއްޔަތަށް ތަބަޢަވުމަށް އިލްތިމާސް ކުރަމުން ދިޔައެވެ. އެެހެން ނަމަވެސް ގެއްލި ދިޔަ އެއްޗެއް ހޯދޭނެ ގޮތެއް ހޯދުމުގެ މަޤުޞަދުގައި އަނެއްކާވެސް ސިޔާސީ މަސްރަޙާއި ހަނގާކުރަން ފެށި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ ސިޔާސީ ހަނގާ، އެކަން ކުރުވަން އުޅުނު ބައެއްގެ މައްޗަށް ބުރައަކަށްވުމެވެ.

2008 ވަނަ އަހަރުގެ ފަހުކޮޅާއި 2012 ވަނަ އަހަރުގެ ކުރީކޮޅާއި ދެމެދުގައި ހިނގައިދިޔަ ބޮޑު މަންޒަރުން އެއްވެސް މީހަކު، ކޮށްފާނެހެންވެސް ހީނުވާ ސުވާލެއް އުފެދިގެން ދިޔައެވެ. އެ ސުވަލަކީ، އަހަރެމެން ދެކެމުންއައި ޑިމޮކްރަސީ ވަނީ ނުރައްކަލެއްގެ ތެރޭގައި ހެއްޔެވެ؟

އަވަށްޓެރީންނާއި، ދިވެހި ރާއްޖެއާއި ދިމާއަށް، ދުރުމި އަޅައިގެންތިބި ދުރުތާ ހިސާބުތަކުންވެސް ދިޔައީ ރާއްޖޭގެ ސިޔަސީ މަސްރަޙު ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކަމުގެ ނަތީޖައަކަށްވީ 2013 ވަނަ އަހަރުގެ ފުރަތަމަ ކޮޅާއި 2018 ވަނައަހަރުގެ ފަހުކޮޅާއި ދެމެދުގައި އެމީހުން ކުރަމުންއައި ދިރާސާތަކަށް އިތުރު އެތައް މަންޒަރެއް ދައްކައިދިން ކަމަކަށެވެ. އަދި 2012 ވަނަ އަހަރު ހިނގައި ދިޔަ ޚިޔާލު ތަފާތުވުންތަކާއި 2008 ގައި އުފެދިގެންއައި ފިކުރުތަކުގެ ތަނބުތައް ރޫޅިދިއުންވެސް މިކަމުގައި ދައުރެއް ކުޅެފައިވެއެވެ. ސިޔާސީ ޕާރޓީތައް އުފެދި އެއްޕާރޓީ އަނެއް ޕާރޓީގެ މައްޗަށް ގަދަފަދަކަން ދައްކައި ޕާރޓީތައް އެފުށް މިފުށަށްޖެހި މުހިންމު ސިޔަސީ އަސާސްތަކެއް ރޫޅިގެން ދިއުންވެސް ހިމެނެއެވެ.

2008ގެ ކުރިއަށް ޖެހިލާއިރު އެއަހަރު އޮތް ރިޔާސީ އިންތިޚާބަށް ރާއްޖެ ފައްކާވެ ފުރަތަމަ ފަހަރަށް މަލްޓި ޕާރޓީ ނިޒާމުގެ ދުސްތޫރެއް އެކުލަވައިލުމުގެ މަސައްކަތްވެސް ފެށުނެވެ. އެހެން ނަމަވެސް އޭރުގެ ނުފޫޒު އޮތީ ހަމައެކަނި ސަރުކާރުގެ އިސް ވެރީންގެ އަތްޕުޅުމަތީގައި ކަމަށްވުމުން ކަން ވެގެން ދިޔަގޮތް އޮތީ ފެންނާށެވެ. ފިކުރުތައް ބައިބައިވެ ސިޔާސީ މަސްރަޙު ބަދަލުވާން ފެށީއެވެ. އެހެން ނަމަވެސް އެހުރިހާ ކަމެއްގެ ތެރޭގައި އެންމެން އެއްގަލަކަށް އަރުވައިގެން މަސައްކަތް ކުރެއްވުމުގެ ޤާބިލްކަން ހޯއްދަވައިފައިވަނީ އެންމެ ބޭފުޅެކެވެ. އެއީ މިހާރުވެސް މާމިގިލީ ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު އޮނަރަބްލް ޤާސިމް އިބްރާހީމެވެ.

އޭގެ ކުރީންވެސް ފިކުރުތައް ތަފާތުވެފައި އޮތް ކަމުގައި ވިޔަސް ފާޅުގައި ނިކުމެވޭކަށް ނޯވެއެވެ. އަދި ނިކުތްމީހަކު ޖެހެނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތާށިވެފައި އޮންނާށެވެ. ސަބަކަށް ވަނީ އެންމެ ކަމެކެވެ. އެއް އަތަށް ކިރޭ ގޮތަށް އޮތް ދުސްތޫރެވެ. އޭގައި ނެތީމާ ސިޔާސީ ޙަރަކާތެއް، ފިކުރެއް ހިންގުމުގެ އިޚުތިޔާރު ވެރީންގެ ގޮތުގައި ތިބި ބަޔަކަށްނޫނީ ނެތުމެވެ. އެހެންވީމާ މުޅީން އާ ދުސްތޫރެއް އެކުލަވައިލެވި ބާރުތައް ބައިބައި ކޮށްލައި އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާނެ ޤާނޫނީ ނިޒާމެއް ވުޖޫދުވެގެން ދިޔައީއެވެ.

އާ ދުސްތޫރަކާއި އެކު ފެށުނު އާ ސިޔާސީ ޙަޔާތް ހިންގުމުގެ ޤާވާޢިދު 2008ން ފެށިގެން ބަދަލުވެއްޖެއެވެ. އެހެން ނަމަވެސް ޕްރޮފެޝަނަލް މާސްމީޑީއާއިން ސިޔާސީ ޚަބަރުތައް އަންނަމުންދިޔައީ އެންމެ އެދެވޭ ގޮތަށް ފެތިގެނެއް ނޫނެވެ. އެހެންވީމާ އުފެދިގެންދިޔައީ އާންމު ޚިޔާލުތަފާތުންވުންތައް ފުރޮޅިގެންދާނެ މަގުތަކެކެވެ. އަދި މި ފުރޮޅުންތައް ފުރިހަމައަށް ފެނިގެންދިޔައީ 2011އިގެ ފަހުކޮޅު ފެށުނު އިޙުތިޖާޖު ތަކަކުންނެވެ. އަދި އެއާއި އެކު 2012 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ޑިމޮކްރަސީގެ އުޞޫލުން ފަހަރަށް އިންތިޚާބު ކުރެވުނު ރައީސް އިސްތިޢުފާދެއްވުމަށްފަހު މުޅި ސިޔަސީ މަސްރަޙު ގަޑުބަޑުވާވަރުގެ ލޮޅުމެއް މުޅި ރާއްޖެއަށް ފަތުރުއްވަވައިލެއްވި އެވެ.

އެއިރު އުފެދިގެންއައި މި މައްސަލަ ނޫސްވެރީންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވެގެން އައެވެ. ޚާއްޞަކޮށް ޑިމޮކްރެޓިކް އިންޤިލާބަށް ރާއްޖޭގައި އުފެދި ފުޅާވަމުންދިޔަ މިނިވަން މީޑިއާތަކުގެ ދައުރު ބޮޑުވަމުންދިޔަ ވަރަކަށް މި ގޮންޖެހުމުގެ މަސްއޫލިއްޔަތުތައް ބުރަވެގެން ދިޔައެވެ. އަމާނާތްތެރިކަމާއި އެކު ވަކިފަރާތަކަށްނުޖެހި ތެދު ޙަޤީޤަތްތައް ފާޅުކޮށްދިނުމަށް ނޫސްވެރީންނާއި ރޭޑީއޯ އަދި ޓީވީތަކުން ވަގުތުން ވަގުތަށް ހިނގަމުންދާ ކަންކަން ގެނެސްދިނުން އުނދަގޫ ކަމަކަށްވެގެން ދިޔައެވެ. ސަބަަބަކީ ހިނގަމުންދާ ކަންކަމާއި ކަމުގެ ދޮގު ތެދާއި ދެމެދުގައި ފަތުރަން މަސައްކަތްކުރަމުންދިޔަ އޮޅުންބޮޅުންތައް ކޮޅެއްގައި ނުޖެހި އޮތުމެވެ. އަދި އެކަމުގެ ނުތަނަވަސްކަން މުޖުތަމަޢުގެ ހަމަޖެހުމަށް ގެއްލުންތައް ދެމުންދިއުމެވެ.

ތެދު ހާމަކޮށްދިނުން ހިމެނިގެންދަނީ ކަނޑައެޅިގެން ބަޔަކު ވާވެއްދުމާއި ދޮގުން އެއްކިބާވެގެން ނުވަތަ ހިނގަމުންދާ ޙަޤީޤަތެއް އަނބުރަމުން އެގޮތް މިގޮތަށް ގެނެސް ނުދިނުމަށެވެ. އަދި ވަކި ފަރާތަކަށްނުޖެހި މުޖުތަމަޢަށް މަޢުލުމާތު ފޯރުކޮށްދިނުން ހިމެނިގެންދަނީ ހުރިހާ ފަރާތެއްގެ އަޑުވެސް އަހައި އިއްވައިގެންނެވެ. ޚާއްޞަކޮށް އެ އަޑުތަކަކީ ނުފޫޒާއި ބާރުގަދަ މަޤާމުތަކުގައި ތިބި މީހުންގެ ބަސްތައް ކަމަށް ވެގެންނެވެ. ދެފަރާތް ހަމަހަމަ ކޮށްގެންނެވެ.

ނަމަވެސް ސުވަލަކީ ނުފޫޒުގަދަ ހިސާބުތަކާއި މަޤާމުތަކުގައި ތިބި މީހުންގެ ދެބަސްވުންތަކާއި އަޑުތައް ސީދާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވަދައްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.