ފެށުނީއްސުރެ އެމްޑީޕީ މީހެއް، މިހާރުވެސް އެމްޑީޕީ، ފަހުންވެސް ހުންނާނީ މި ޕާޓީގައި: މިކީ

މިކީ ދާއިރާ އަޑުގެ އިންޓަވިއުގެ ތެރެއިން

މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) ވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ރައީސް ކަމަށް ކުރިމަތި ލާފަ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއި ގުޅިގެން ފެނިގެން ދިޔައީ އެކި ފަރާތްތަކުން ކެންޑިޑެސީ އިއުލާން ކުރަމުން ދިޔަތަނެވެ.

އެގޮތުން، މެދު ހެންވޭރު ދާއިރާގެ ހުސްވެފައިވާ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައިވާ މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) އާއި ބައްދަލުކޮށްލާ މިނެޓްސް އޮންލައިންގެ ދާއިރާ އަޑު ޕްރޮގްރާމަށް އިންޓަވިއު ކޮއްލީމެވެ.

މިކީ އަކީ ސިޔާސީ މައިދާނަށް އާ މޫނެކެވެ. މިކީ ވަނީ މެލޭޝިޔާއިން ހޮސްޕިޓަލިޓީ މެނޭޖްމަންޓްގެ ޑިގްރީ ހާޞިލްކޮށްފައެވެ. އަދި މިހާރު ދަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީގައި ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ހާޞިލްކުރަމުންނެވެ. ވަރަށް ތަފާތު ދެ ދާއިރާއެކެވެ. މިކީ ދެކޭ ގޮތުގައި މި ދެ ދާއިރާގެ ބެލެންސްއެއް ގެންގުޅެފިއްޔާ ޤައުމަށް ރަނގަޅު ޙިދުމަތެއް ކޮއްދެވިގެންދާނެ ކަމަށެވެ.

މިކީ ސިޔާސީ ކަންކަމަށް ތައާރަފްވީ ގޭތެރޭގެ މާހައުލުންނެވެ. ގޭތެރޭގައި އާންމުކޮށް އޮންނަނީ އެއް ފިކުރެކެވެ. އެއީ އެމްޑީޕީގެ ފިކުރެވެ. މިކީ ކުޑައިރުގައި މަންމަ އާއި ބޮޑުދައިތަމެން ދިދަ ފެހުމާއި އެމްޑީޕީގެ ރެލީއެއް އޮންނަނީ ކަމުގައި ވަނީ ނަމަ ތައްޔާރީތަށްވުމެވެ. ރެލީއަށްވާ ތައްޔާރީތަކުގައި މިކީމެންގެ އުމުރު ފުރާގެ ކުދިންއަށްވެސް އޮންނަނީ މަސައްކަތެއް ހަވާލުކޮށްފައެވެ.

"އަޅުގަނޑުމެންގެ އޭޖް ގްރޫޕަށް އިންނާނެ ޓައްޕެއް ދީފަ. ޓައްޕަކާއި ކަރުދާހާއި ދެންހުންނާނީ ކަތުރު. އަޅުގަނޑުމެންނަށް މި އޮންނަ ކަމަކީ ކަރުދާސް ކެފުން. އެއީ ރެލީސްގައި މި ދާއިރުގައި އަޅުގަނޑުމެން އެންމެ ފޯރީގައި ކުރާ އެއްކަމަކީ ކަރުދާސް އެޅުން ރެލީއަށް. އަޅުގަނޑުމެން ގެ ވަރަށް ބޮޑަށް މަޝްހޫރުވެފައިވެސް އޮންނަނީ އެހެން ހެންވޭރުގަ މަޖީދީ މަގުގައި އަޅުގަނޑުމެން ގެ މި އިންނަނީ. ބުނާނެ މިއީ ކަރުދާސް އަޅާ ގެއޭ" މިކީ ބުންޏެވެ.

ފަހުން ފަހުން ލީޑަރޝިޕްގެ ބޭފުޅުން މިކީމެން ގޭ ކުރިމަތީގައި މަޑުވެސް ކޮއްލައެވެ. އަދި މިކީގެ އާއިލާއިން ކުރާ ކަންތަކަށް ހިތްވަރު ދިނުމުގެ ގޮތުން އަތްތިލަ ބަޑިވެސް ޖަހައެވެ.

2012 ވަނަ އަހަރު އުސްފަސްގަނޑުގައި އެމްޑީޕީން ހެދި އިންސާފުގެ މައިދާނުގައި މިކީ ފޮޓޯ ނަގަން ގޮސް އުޅުނެވެ. އެއީ ފޮޓޯނަގަން ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ. މިކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ފެށުނީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ކެންޕެއިންގައެވެ.

މިކީ މިފަހަރުގެ އިންތިޚާބުގައި ކުރިމަތިލީ އުޅެ ބޮޑުވި ދާއިރާ ކަމަށްވީމައެވެ. ދާއިރާއަށް ހެޔޮ އެދޭތީ އަދި ދާއިރާއަށް ހެޔޮ ކަމެއް ކޮއްދޭންށެވެ. މިކީ ބޭނުންވަނީ މިހާރުވެސް ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އަދި އާ ޒުވާން މޫނުތަކެއް އެމްޑީޕީގައި ހަރަކާތްތެރި ކުރުމަށެވެ.

މިކީ ދެކޭގޮތުގައި ޕާޓީ ތެރޭގައި މައްސަލަ އެބަހުއްޓެވެ. އެކަމަކު އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މިހާރުގެ ލީޑަރޝިޕްގެ އިސްނެންގެވުމާއެކު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމާއި ޕާޓީގެ މަގު ޗާޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރައަށެވެ.

މިކީގެ ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ އަދި ކީއްވެގެންތޯ މިކީ އަށް ވޯޓުލާންވީ ބުނުމުން މިކީ ބުނީ

"ކުރުކޮށް ފޮނިކޮށް ބުނަންޏާމު، އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީ މީހެއް، މިހާރުވެސް އެމްޑީޕީ، ފަހުންވެސް އަޅުގަނޑު ހުންނާނީ މި ޕާޓީގައި. އަޅުގަނޑު މި ކުރިމަތި ލައިގެން އުޅޭ ކަމަކީ، މުސާރައެއް އިނާޔަތެއް ލިބޭ ކަމެއް ނޫން. އަޅުގަނޑުގެ ވިސްނުން ހުރީ ޕާޓީއަށް މެންބަރުން އިތުރުކުރަން، ޕާޓީ އިތުރަށް ވަރުގަދަކުރަން"

މިކީއާއެކު ވަރަށް ގިނަގުނަ ވާހަކަތަކެއް ދައްކާލަން ލިބުނެވެ. އިތުރަށް ދެކެވުނު ވާހަކަތަށް މިނެޓްސް އޮންލައިންގެ ދާއިރާ އަޑުގެ ޕްރޮގްރާމް ބައްލަވާލައްވާށެވެ.

މިކީ އާއި ބައްދަލުކޮއްލެވުނީ ސަމަރ ބީޗް މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓައުރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ ބީޗް މޯލްޑިވްސް ހޮޓަލަކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ.  

 

20240707_224633.jpg

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.