މޫސުން ގޯސްވުމާ ގުޅިގެން އިދާރާތައް ތައްޔާރީ ހާލަތަށް

މޫސުމާއި ގުޅޭ މައުލޫމާތު ދިނުމަށް އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މާލޭގައި 57 އަށް ވުރެ ގިނަ ތަނުގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށާއި، އިތުރު ތަންތަނުގައި ވެސް މި މަސައްކަތް ކުރިއަށްދާ ކަމަށް ހިސާން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން އެމަރޖެންސީ އޮޕަރޭޝަން އެކްޓިވޭޓްކޮށް، ކަމާ ގުޅުންހުރި އިދާރާތައް ތައްޔާރީ ހާލަތަށް ގެނެސްފައިވާކަން ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެވުނީ ހޯމަ ދުވަހު މެންދުރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން އެމަރޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކޮށްފައިވެއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަމާ ގުޅުންހުރި ފަރާތްތަކުން ބޭނުންވާ ތައްޔާރީތައް ވަމުންދާ ކަމަށާއި، ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްދަނީ މާލެ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ހުޅަނގު ދެކުނުން އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި، ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑެވެ. މި ހަފުތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ.

ހިސާން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން:
– ކަމާ ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށް
– ވިޔަފާރިތައް ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި ވެސް ފެން ނުވަންނާނެ ފަދައިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް
– ވައި ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް
– ދަނޑުވެރިކަން ކުރާ ފަރާތްތަކާއި، ވަޔާ އެއްލާލަފާނެ ފަދަ އެއްޗެހި ހުރި ތަންތަނުގައި ރައްކާތެރިކަން އިތުރުކުރުމަށް

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.