މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ދެ ޤައުމުން މަޝްވަރާ ކުރީ މަސްވެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމަށް
ރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމްކުރަން މަސައްކަތްކުރަމުން އަންނަ ވިޔަފާރި އެއްބަސްވުމުގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއަށް އެހީ ބޭނުންވާ ދާއިރާތައް ހުށަހަޅައި އެ ކަމުގެ މަޝްވަރާކޮށްފިއެވެ.
އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމުގައި ދެ ޤައުމުން މަޝްވަރާ ކުރީ މަސްވެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މި ސަރުކާރުގެ އިގްތިސާދީ ތަސައްވަރު ހުށަހަޅައި އެކަމަށް އެމެރިކާ ސަރުކާރުގެ އެއްބާރުލުން ދިނުމަށް އެދިލެއްވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، ރާއްޖޭގެ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ބައިނަލަޤްވާމީ ޕްލެޓްފޯމްތައް ބޭނުން ކުރުމަށް އެެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ އުފެއްދުންތަކަށް ޑިއުޓީ ފްރީ މާކެޓް ހޯދައި ދެއްވުމާއި ގުޅޭގޮތުން ވަޒީރު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން އެމެރިކާގެ އިންވެސްޓަރުންނާއެކު މަސައްކަތް ކުުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ސައީދު އެމެރިކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. މި ދަތުރުފުޅުގެ މަޤުސަދަކީ ވިޔަފާރީގެ މަޝްވަރާތައް ކުރުމާއި އިންވެސްޓްމަންޓުތައް އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް