ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ ދީފި

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން ދީފިއެވެ.

މިކަން އެ ބޭންކުން އިއުލާނުކޮށްފައިވަނީ އިއްޔެ ނެރުނު ސަރކިއުލާއެއްގައެވެ. ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެރުނު ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ދޭދޭ ޤައުމުތަކުގެ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެއެވެ. މި ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.

މި ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއާ ގުޅިގެންނެވެ. އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމުކަމުން މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެއެވެ.

އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ބެލަރޫސާއި ބޫޓާނާއި އިންޑިއާ އާއި އީރާނާއި މިޔަންމާ އާއި ނޭޕާލާއި ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރެވޭވަރު މަދުކުރުމަށް އިންޑިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.