ރަސްމިއްޔާތުގައި މޭޔަރު އާޒިމް
މާލެ ސިޓީ ކައުންސިލްގެ އާ އޮފީސް އިމާރާތުގެ ސަބަބުން އަހަރެއްގެ މައްޗަށް އަށް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
ކައުންސިލްގެ ހިދުމަތް ހަރުދަނާވެ، އާންމުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ އަމިއްލަ ހިދުމަތްތަކާ ބެހޭ ބައިގެ ފަހަތުގައި އިމާރާތްކުރާ އާ އޮފީސް އިމާރާތުގެ ބިންގާ ރޭ އަޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އާޒިމާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ.
10 ހާސް އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރާ ކައުންސިލްގެ އާ އޮފީސް އިމާރާތް ގާތްގަނޑަކަށް އެންމެ ލަސްވެގެން 10 މަސް ދުވަހުގެތެރޭ ނިންމާލުން ކަމަށެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވި، މީޓިން ރޫމްތަކާއި މުވައްޒަފުންނަށް ކެބިންތައް ހަމަޖެހިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މި އިމާރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ އިމާރާތަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
މި އިމާރާތުގެ މަސައްކަތް ކުރިޔަށް ދާނެ ގޮތުގެ ކުޑަ ތަފްސީލެއް ހިއްސާކުރައްވައި އާޒިމް ވިދާޅުވީ، އިމާރާތަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އިމާރާތުގެ މަސައްކަތް ކުރިޔަށް ދާނީ ބަޖެޓު ތަންދޭ މިންވަރަކުން އަދި ކައުންސިލަށް އާމްދަނީ ލިބެމުންދާ މިންވަރަކުން ކަމަށެވެ.
އާޒިމް ވިދާޅުވީ މި އިމާރާތް ބޭނުންކުރަން ފަށައި، ހޯލާއި މީޓިން ރޫމްތައް ކުއްޔަށް ދޫކުރުމުން މަހެއްގެ މައްޗަށް 650،000ރ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އަހަރެއްގެ މައްޗަށް 7-8 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެވުމުން ކައުންސިލުން ހިދުމަތް ފޯރުކޮށްދޭން ފަސޭހަވެ އިދާރީ ކަންކަން ހަރުދަނާ ވެގެން ދާނެއެވެ.
ކޮމެންޓް