ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޙައްމަދު މުއިއްޒު ވަނީ ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
މިގޮތުން ރައީސް މުއިއްޒު ވަނީ އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި އާޓިފިޝަލް އިންޓެލިޖެންސް، ވާޗުއަލް ރިއަލިޓީ އަދި އީ-ލާނިންގ ޕްލެޓްފޯމްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް މުއިއްޒުގެ މެސެޖްގައި ފާހަގަކުރެއްވި ގޮތުގައި، "އަޅުގަނޑުމެންގެ ޖިއޮގްރަފިކަލީ ފަތުރާފައިވާ ޤައުމުގައި، ޓެކްނޮލޮޖީއަކީ ފެންވަރު ރަނގަޅު ތަޢުލީމުގެ ބްރިޖެކެވެ."މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އިންކްލޫސިވް އަދި އެކްސެސިބަލް ތަޢުލީމީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސްއާއި ވާޗުއަލް ރިއަލިޓީ ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ކުދިންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ބައިނަލްއަގުވާމީ ތަޢުލީމީ ދުވަސް ފާހަގަކުރުމުގެ މުހިންމު އެއް މަޤްޞަދަކީ، ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އައު ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ.
ކޮމެންޓް