ތޯމަސް ޓުޗެލް
އިނގިރޭސި ގައުމީ ކޯޗުކަމުގެ މަގާމުގެ މަސްއޫލިއްޔަތު ޖަރުމަނުގެ ތޯމަސް ޓުކްލް އަދާކުރަން ފަށައިފިއެވެ.
މީގެ ތިން މަސް ކުރިން އޭނާ އަށް މަގާމު ދިން ނަމަވެސް މަސައްކަތް ފެށެން އޮތީ މި އަހަރު ފެށުމުންނެވެ. އެއީ ޓުކްލް ކުރިން އަދާކުރި ވަޒީފާތަކުގެ ކޮންޓްރެކްޓްތައް ހުރި ގޮތުންނެވެ. އޭނާ މަސައްކަތް ފެށުމުން އިނގިރޭސި އެފްއޭއިން ދިނީ ތިން ލަފުޒުގެ ތަފްސީލެކެވެ. ސޯޝަލް މީޑިއާގައި ބުނެފައިވަނީ "މިހާރު މަސައްކަތް ފަށައިފި،" ކަމަށެވެ. އަދި ޓީމު އެކުލަވާލަން ކުލަބުތައް ކުޅޭ މެެޗުތައް ބަލަންދާނެ ވާހަކަ އޭނާ ވެސް ވަނީ ބުނެފަ އެވެ.
އިނގިރޭސި ކޯޗުކަމާ ހަވާލުވި ފަހުން ރަސްމީ އިވެންޓަކުން އޭނާ ފެނުނީ އެންމެ ފަހަރަކު އެވެ. އެއީ ޒިއުރިކްގައި މިދިޔަ މަހު ބޭއްވި ފީފާ ވޯލްޑްކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
ޓުކްލް އަކީ ކުލަބު ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ފަސް ކުލަބަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމުންޑް އަދި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ ހިމެނެ އެވެ. މި ކުލަބުތަކުގެ ތެރެއިން ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް އަދި އެތަށި 2021ގައި ޗެލްސީ އަށް ހޯދައިދިނެވެ.
ނަމަވެސް މިއީ ގައުމީ ޓީމެއްގައި އޭނާ އަދާކުރާ ފުރަތަމަ ވަޒީފާ އެވެ. އޭނާ އަކީ އިނގިރޭސި ގައުމީ ކޯޗުކަން ދިން ގައުމުން ބޭރުގެ ތިން ވަނަ ކޯޗެވެ.
18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ކޯޗުކަމާ ހަވާލުވި ޓުކްލް ފުރަތަމަ މެޗަކަށްވާނީ އަންނަ މާޗު މަހުގެ 21 ވަނަ ދުވަހު އަލްބޭނިއާއާ ދެކޮޅަށް އިނގިރޭސިން ކުޅޭ މެޗެވެ. ވޯލްޑްކަޕް ކޮލިފައިންގައި އިނގިރޭސިން ހިމެނެނީ ސާބިއާ އާއި އަލްބޭނިއާ އަދި ލެޓްވިއާ އާއި އެންޑޯރާއާ އެއް ގްރޫޕެއްގަ އެވެ.
ކޮމެންޓް