ޢަފޫ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއާއި ހަމައަށްވެސް ފެނިގެންދާނީ ޤައުމު މިވެއްޓިފައިވާ ފުން އަނދަވަޅުން ނެގުމަށް މަސައްކަތް ކުރައްވާތަން ކަމުގައި ވިދާޅުވި
އިދިކޮޅު ޕާޓީ ތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަމުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ވިދާޅުވެއްޖެއެވެ.
ޢަފޫ މިހެން ވިދާޅުވެފައިވަނީ ޕީއެންސީގެ ހަރުގޭގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
2018 ވަނަ އަހަރު ކޮންގްރެސް ޕާޓީ ވުޖޫދަށް ގެނައި އިރު، ޕާޓީގެ މަޤްސަދަކަށް ވެފައި ވަނީ ރައްޔިތުންނަށް ތެދުބަހުން ހަގީގަތް ހާމަކޮށް ޤައުމުގައި ހުރި މައްސަލަތަށް ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށް ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރުން ކަމުގައި ޢަފޫ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެ ނަމޫނާ ރައްޔިތުންނަށް ދައްކާ، ޒިންމާ އަދާކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއަދު ހިތާމައަކީ އޮޕަސިޝަންގެ ގޮތުގައި މަސައްކަތް ކުރައްވާ ޕާޓީތަކުން ހަމައެކަނި ކުރަން އެނގިވަޑައިގަންނަވާ ކަމަކީ ރައްޔިތުންނަށް އޮޅުވާލާ، ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ، ޤައުމު ހަލަބޮލި ކުރުމުގެ މަސައްކަތް އެކަނި. ރޯ ބުހުތާނު ދޮގު ހެދުމުގެ މަސައްކަތް އެކަނި" ޢަފޫ ވިދާޅުވިއެވެ.
އިދިކޮޅު ބަޔެއް ފަރާތްތަކުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް މުލީއާގެއިން ވަކި ހާއްސަ އިނާޔަތެއް ލިބޭކަމަށް ތުހުމަތު ކުރަމުންނެވެ. އެއަށް ޢަފޫ ވަނީ ވަރަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
"އަޅުގަނޑު ދަންނަވަން އޮތީ، މީގެ ކުރީގަ މުލީއާގޭގައި ވަކި ދައުލަތް ހައްދަވައިގެން، ވަކި ޗޮކްލެޓް ފެކްޓްރީ ހައްދަވައިގެން އުޅުއްވި ބޭފުޅުންނަށް އެހެން ހީފުޅުވެދާނެ. އެހެން ނަމަވެސް، ދިވެހި ރައްޔިތުން ގަބޫލުކުރައްވާ، އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ ދިވެހިންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން" ޢަފޫ ވިދާޅުވިއެވެ.
ޢަފޫ އިތުރަށް ވިދާޅުވީ ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއާއި ހަމައަށްވެސް ފެނިގެންދާނީ ޤައުމު މިވެއްޓިފައިވާ ފުން އަނދަވަޅުން ނެގުމަށް މަސައްކަތް ކުރައްވާތަން ކަމުގައި ކަމަށެވެ.
"އަދުގެ ރައީސުލްޖުމްހޫރިއްޔާ މިފެނިގެން ދަނީ ފަހަތު ފަޔަށް ބުރަވުމެއްނެތި، ވަރަށް އިޙްލާސްތެރިކަމާއެކު، ރެޔާއި ދުވާލު އެ ވަގުތެއްގައި އެ ޙާލަތެއްގައި ނަގަންޖެހޭ ފިޔަވަޅެއް ނަންގަވަމުން. މިޤައުމުގެ އިޤްތިސާދީ ދުވެލި ބާރުކުރައްވަމުންދާ މަންޒަރު" ޢަފޫ ވިދާޅުވިއެވެ.
ކޮމެންޓް