ހަތް މަސް ތެރޭގައި ފެނަކައިން އާންމުންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފިން: މުއާޒް

ހަރުގޭގައި މުއާޒު ވާހަކަ ދައްކަނީ

300 މިލިއަނުގެ ތެރެއިން 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދޫކޮށް ނިންމާފައިވާ ކަމަށް ވިދާޅުވި

ނިމިދިޔަ ސަރުކާރުގައި ރައްޔިތުންނަށް ނުދީ، ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން، ހަތް މަސް ތެރޭ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އާންމުކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.

ނަމަވެސް، މި ހަތް މަސް ތެރޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާ ކަމަށާއި އެ ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސްކުރީ، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަހަނާ ދައްކަނީއެއް ނޫން. ކުރީގެ ވާހަކަތަކާ އެކީ ހައްލުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތް މި ކުރަނީ. އެ މަސައްކަތުން ދިވެހި ރައްޔިތުންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ހަތް މަސް ތެރޭގައި 300 މިލިއަން ރުފިޔާ އަޅުގަނޑުމެން ދައްކާ ހަލާސްކޮށްފިން." މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ހަލާސްކުރި 300 މިލިއަނުގެ ތެރެއިން 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދޫކޮށް ނިންމާފައިވާ ކަމަށެވެ. އަދި ހަލާސްކުރި ފައިސާގެ ބޮޑު ބަޔަކީ އާންމު ރައްޔިތުން ލައްވާ ކުރުވާފައި ހުރި ކުދިކުދި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ކަމަށް ވެސް އޭނާ ވިދާާޅުވިއެވެ.

ފެނަކައިގެ ދަތުރުތަކަށް އަގުބޮޑުކޮށް ދޯންޏެއް ގަންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކަށް ރައްދެއްވާ މުއާޒު ވިދާޅުވީ، ކުރީގައި ކޮންމެ ދަތުރަކަށް ހަ ލައްކަ ނުވަތަ އަށް ލައްކަ ނުވަތަ އެއް މިލިއަނާއި ގާތްކުރާ އަދަދަކަށް ޚަރަދު ކުރާ ކަމަށެވެ.

ނަމަވެސް، އެ ކުންފުނިން މިހާރު އެއް އަހަރު ދުވަހަށް ދޯނި ކުއްޔަށް ނެގުމުން އަހަރެއްގެ މައްޗަށް 70 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށް އޭނާ ވިދާޅުވިވެ.

މުއާޒު ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކޮށް އަމިއްލައަށް ޚަރަދަށް ޒިންމާނެގޭ ކުންފުންޏަކަށް ފެނަކަ ހެދުމުގެ މަސައްކަތް ވެސް ކުރައްވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.