ފަންނުވެރިންގެ އުފެއްދުންތައް ހިމާޔަތްކުރަން ޖެހޭ: ސައުދުﷲ

ސައުދުﷲ މަޖިލީހުގައި

ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ވަނީކޮޕީރައިޓްސްއާއި އެއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް އިސްލާހު ހުށައަޅުއްވާފަ

ކޮޕީރައިޓްސްގެ މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށާއި އެފަދަ މައްސަލަތައް ހައްލުކޮށް އިލްމުވެރި ފަންނުވެރިންގެ އުފެއްދުންތައް ހިމާޔަތްކުރަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ކޮޕީރައިޓްސްއާއި އެއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ހުށައެޅުއްވި އިސްލާހުތަކާއި ގުޅިގެން ސައުދު ވިދާޅުވީ ކޮޕީރައިޓްސްގެ މައްސަލަތައް މަދުން ނަމަވެސް ރާއްޖޭގައި ފެންމަތިވެފައި އެބަހުރި ކަމަށާއި މި ޤާނޫނަށް އިސްލާހު ހުށަހަޅަން ރައީސް ނިންމީ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އެއްސެވުމަށްފަހުގައި ކަމަށެވެ.

"މި އިސްލާހުތަކަކީ އެންމެ ފަހު އިންތިހާބުތަކުގައި ރައިސުލްޖުމްހޫރިއްޔާ އެބޭފުޅުންނާއި ބައްދަލުކުރައްވައި އަދި ހިންގެވި ހިންގެވުމުގައި އެބޭފުޅުންގެ ކަންބޮޑުވުން އަޑުއިވިވަޑައިގެން ގެންނެވި އިސްލާހެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. މަދުން ނަމަވެސް ކޮޕީރައިޓްސްއާ ބެހޭ މައްސަލަތައް ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާކަން އެއީ ހަޤީގަތެއް." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ފަންނުވެރި ހުނަރުވެރި ބޭފުޅުންގެ އުފެއްދުންތައް އެބޭފުޅުންގެ ހުއްދަ ހޯދުމެއް ނެތި އެހެން ފަރާތަކުން ބޭނުން ކުރުމަކީ އޭގެ ހައްޤުވެރި ފަރާތަށް ލިބޭ ދެރަ ނިކަމެތި ކަމެއް ކަމަށެވެ. އަދި އެހާމެ ބުރަ މަސައްކަތުން އުފައްދާ ތަކެތި ހަމަ ހުރެފަ އެހެން މީހަކު ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

"ކިތަންމެ ކުޑަ ނަމަވެސް މީގައި ވަރަށް މުހިންމު އިޤްތިސާދީ ކަންތައްތަކެއް ހިމެނޭ، އިޤްތިސާދީ ކަންތައް އިތުރުވެގެން ފުދުންތެރިކަން އިތުރުވެގެން ނޫނިއްޔާ އާއިލާއެއް، މުޖުތަމައުއެއް ނުވަތަ ގައުމެއް ދެމި ނޯންނާނެ. އެހެންކަމުން މީގެ ސަބަބުންވެސް ގިނަ ބައެއްގެ ހައްޤުތަކަށް އަދި އިޤްތިސާދަށް ހެޔޮ އަސަރުތަކެއް ކުރަމުންދާނެތީވެ މިބިލަށް ތާއީދު ކުރަން." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިފަދަ ބިލްތަށް ސަރުކާރުން ހުށައެޅުމުން ހާމަވެގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އިޤްތިސާދީ ކަންކަމަށް ދެއްވާ އަހައްމިއްޔަތު ކަން ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.