އެމްއެންޑީއެފްގެ ހާއްސަ މިލިޓަރީ ޑިސްޕްލޭ ވަރަށް ފުރިހަމަ، ދައްކުވައިދިނީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން

އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ނިންމާލައިފިއެވެ.

ބޮޑު ތަރުހީބެއް ލިބުނު އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ބައްލަވާލައްވާފައެވެ. މި ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ވަޑައިގެންނެވުމުން އެމިނިކުފާނަށް އިސްތިގުބާލު ކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހީމް ހިލްމީއެވެ.

މި ހަރަކާތް ފެށުމުގެ ކުރިން އެމްއެންޑީއެފް އިން ވަނީ ރައީސް މުއިއްޒަށް އަސްކަރީ ކުރުހީނެއްވެސް އަރުވާފައެވެ. މި ހަރަކާތުގައި ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވާއިރު ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު ހާމަވެގެން ދެއެވެ.

އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭގައި ވަނީ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑާ ވޯޓާ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ހަރަކާތްތަކާއި، ރެޕަލިންގްގެ ހަރަކާތްތަކާއި ކައުންޓާ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއްވެސް ދައްކުވައިދީފައެވެ.

މީގެއިތުރުން މިއަދު ހަވީރުގެ މި ހަރަކާތުގެ ތެރެއިން ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބެރޭ ހަވާލުކޮށްދެއްވާފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ފަށާފައިވަނީ މިއަދު ފަތިހު ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު މިއަދު ހެނދުނު ވަނީ، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހެންމެ މިއަދު ހެނދުނު ވަނީ ނޭޝަނަލް އާޓް ގެލަރީގައި "ސިފައިންގެ މައުރަޒު" ރައީސް ހުޅުވާދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.