ރަށްރަށުގެ ކަންހިންގުމުގެ ބާރު ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ: ޝާހިދު

ޝާހިދު އިންޓަވިއު އެއް ދެއްވަނީ

ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި

ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭގައި އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެވެެ.

ރައީސްގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި، އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.

ޕީއެންސީ ހަރުގޭގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ، ރައްޔިތުންގެ އަޑު ކެނޑިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި އަދި އާންމު ސައިޒުގެ ރަށެއްގައި ކައުންސިލްގެ ރައީސަކާއި ނާއިބު ރައީސެއް ހުރުމުން ފުދޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޓީތައް ފަދަ ބޮޑެތި އާބާދީ ތަކަށް އެއަށްވުރެ އިތުރަށް ކައުންސިލަރުން ތިބިކަމުގައި ވީނަމަވެސް، 300، 500 ނުވަތަ 1000 މީހުން އުޅޭ އާބާދީތަކަށް ރައީސަކާއި ނާއިބު ރައީސެއް ހުރުމުން އެންމެ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.