ނާޒިމް މަޖިލީހުގެ ތަޅުމުގައި
މަގާމުތަކަށް ބޭރުގެ ބޭފުޅުން އައްޔަނުކޮށްފައި ތިބެނީ 15،000 ޑޮލަރުގެ ބޮޑު މުސާރަ ދެއްވާފައި ކަމަށާއި އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި
ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހީން ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެފަދައިން ވިދާޅުވީ، މިއަދު ބޭއްވި ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
"ބީއެމްއެލްގެ ބޯޑުގެ މެންބަރުން މަދުވެފައިވާތީ އާ ބޯޑު މެންބަރުން އައްޔަންކުރަން އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ބޭންކުން ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި އޮއްވާ ބޭންކްގެ ސީއީއޯ މަގާމުން އިސްތިއުފާދެއްވާފައިވަނީ. އާ ސީއީއޯއެއް އައްޔަންކުރަން އިތުރު އީޖީއެމެއް ބާއްވަން ޖެހޭޭނެ. ކުންފުނިތަކުގެ ބިލު އިސްލާހުކުރުމުން އިތުރު އީޖީއެމެއް ކުރު މުއްދަތެއްގައި ބޭއްވިގެންދާނެ." ނާޒިމް ވިދާޅުވިއެވެ.
ބީއެމްއެލްއިން ބޯޑަށް ބަަދަލު ގެންނަނީ، އެ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި އަލުން އެ ނިންމުން އަނބުރާ ގެންގޮސްފައި ވަނިކޮށެވެ. ނާޒިމް ވިދާޅުވީ އެ ބަދަލުތައް އައިއިރު، އެ ކުންފުނީގެ އެންމެ ޒިންމާދާރު މަގާމުތަކުގެ ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ. އޭގެ ތެރޭގައި އޮޕަރޭޝަންސް ޑިރެކްޓަރާއި، ރޭޓް ކޮންޓްރޯލް މެނޭޖަރުގެ އިތުރުން ރިސްކް މެނޭޖަރު ވެސް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ މަގާމުތަކަށް ބޭރުގެ ބޭފުޅުން އައްޔަނުކޮށްފައި ތިބެނީ 15،000 ޑޮލަރުގެ ބޮޑު މުސާރަ ދެއްވާފައި ކަމަށެވެ. އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުންފުނިތަކުގެ ގާނޫނަށް އިސްހާލު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެއެވެ. އެ އިސްލާހުގައިވާ ގޮތުން ކުންފުނިތަކުގެ ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ.
ކޮމެންޓް