އެމްއެންޑީއެފް އިން ހިއްސާކޮށްފައިވާ ފޮޓޯއެއް
ރޯވެފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގަ
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ގެއަށް ބޮޑެތި ގެއްލުންތަކެއްވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައެވެ. ރޯވި އެޕާޓްމަންޓު ވަނީ މީހުންނަށް ދިރިނޫޅެވޭނެ ވަރަށް އަނދާފައެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމަންޓުގައި ހުރި އެނދާއި ސޯފާއާއި ބަދިގޭ ސާމާނު ފަދަ ހިފާގެންގުޅޭ ތަކެތި ހުރީ އެއްކޮށް އަނދާ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެސް ވެފައެވެ. މި ހާދިސާގައި ދިރިނޫޅެވޭ ވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ނަމަވެސް އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް