ވިއްސާރައާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ލެވަލް މަތިކޮށްފި

ފުލުހުންގެ އޮޕަރޭޝަން ސެންޓަރުގައި ވަޒީރު އިހުސާން

ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ދަނީ މަސައްކަތް ކުރަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ހާއްސަ މަސައްކަތްތަކެއް ކުރަން ފައްޓައިފިއެވެ.

އެގޮތުން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދީފައިވެއެވެ. އަދި ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމު ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން، އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނޯތު ޕޮލިސް ރީޖަނަށް ބަލާއިރު، ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވެއެވެ.

އޭގެ އިތުރުން ވެސް، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިވެދީފައިވެއެވެެ.

ހަމައެހެންމެ ސައުތު ޕޮލިސްގައި ހިމެނޭ، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.