އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް އަށް ދިވެހި ފުލުހުންގެ ފަރާތުން ހަނދާނީ ފިލާ އެރުވުން / ފޮޓޯ؛ ފުލުހުން
‘’ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން'' ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ 10 ބޮޑީގާޑުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
ފުލުހުން ބުނީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެއް ކަމަށެވެ.
މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޑިރެކްޓަރު ޖެނަރަލް އޮފް ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓާޕް ސިންޙެ ވިދާޅުވީ މި ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިން ވަރަށް ރަނގަޅުކަމަށެވެ.މި ތަމްރީނުގެ ބައިވެރިންގެ ފަރާތުން، ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ވެސް ދިވެހި ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ކޮމެންޓް