ރެއިޑެއްގެ ތެރެއިން
އެ 4 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓުކޮށްފައިވާ ތަނެއް ބަަލައި ފާސްކުުރުމަށްފަހު ކަމަށް
ރާއްޖޭގައި ގާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅުއަޅަން ހިންގަމުން އަންނަ އޮޕަރޭޝަނުގައި، ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރާތަނެއް ބަލައި ފާސްކޮށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ހާމަކުރި ގޮތުގައި، އިއްޔެ އެ 4 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓުކޮށްފައިވާ ތަނެއް ބަަލައި ފާސްކުުރުމަށްފަހު ކަމަށެވެ. އަދި މިއީ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.
އިމިގްރޭޝަން ވޮޗް އަކީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މިދިޔަ މަހު ތައާރަފުކޮށްފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލްގެ އެހީގައި އާންމުންނަށް 24 ގަިއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ނުވަތަ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުގެ އިތުރުން، އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް، އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ހުށަހެޅޭނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވލައިފައިވެއެވެ.
ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓު ކުރަމުން ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް