ގަދަ ވަޔާއެކު ހުޅުމާލޭގައި ހުރި ބޮޑު ގަހެއް ވެއްޓި ގެއްލުން ވެއްޖެ

ގަދަ ވަޔާއެކު ހުޅުމާލޭގައި ވެއްޓިފައި އޮތް ބޮޑު ގަސް

ގަދަ ވަޔާއެކު ހުޅުމާލޭގައި ހުރި ބޮޑު ގަހެއް މިރޭ ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު އިރު އޮއްސުނު އިރު މި ގަސް ވެއްޓިފައިވާއިރު މިއަދު ވަނީ ހުޅުމާލެ އަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހިފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފެރީޓާމާލް ސަރަހައްދުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުލުން ލުހި ގަސް ވެއްޓިފައިވަނީ ޕޭމަންޓު ގާތަކުގެ މައްޗަށެވެ. އަދި އެމަގުގައި ހުރި ބައެއް ކޭބަލްތަކަށްވެސް މިކަމުގެ ސަބަބުން ގެއްލުން ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާއިރު، އެޗްޑީސީގެ މުވައްޒަފުން މަގު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު މިއަދު ވަނީ ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއް، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ޖައްސާފައެވެ. އެގޮތުން ކުޅުދުއްފުށީ ރަންވޭގައި ޖެއްސޭތޯ ގަޑިއިރެއްހާއިރު މަތީގައި އުދުހުމަށްފަހު، ކުޅުދުއްފުށީގައި ނުޖެއްސުމުން ދެން ބޯޓު އަނބުރާލީ ނ. މާފަރު އެއާޕޯޓުގައި ޖެއްސުމަށެވެ. އެކަމަކު އެ އެއާޕޯޓުގައި ވެސް ނުޖެއްސުމުން މިއަދު 11 ޖަހާކަންހާއިރު ބޯޓުވަނީ އަބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އުތުރަށް މިވަގުތު މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ އުތުރުުގެ އަތޮޅުތަކަށް މިއަދު 21:00 އިން 03:00 އަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނެއްގައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވެސް ނެރެފައެވެ.

މީގެ އިތުރުން ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.