އެގްރޯނެޓް އުވާނުލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އެގްރޯނެޓްގެ މަސައްކަތްތައް ބަދަލުކޮށް އެ ކުންފުނި އުވާލުމަށް ސަރުކާރުން ނިންމުމަށް ފަހު، އެގްރޯނެޓް ކުންފުނި އުވާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެގްރޯނެޓް ކުންފުނި އުވާލައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ދަށަށް އެގްރޯނެޓްގެ އެންމެހާ މަސައްކަތްތައް ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ރައީސް ނިންމެވިއެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ ކުންފުނި އަދި އުވާލާފައެއް ނުވެއެވެ.

ހުވަދޫ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ނިލަންދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެގްރޯނެޓް އުވާނުލާ ކަމަށާއި، އެ ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ސަބްސިޑަރީއެއް ގޮތަށް ބަދަލުކުރީ ކަމަށެވެ.

"އެހެންވީމަ އެގްރޯނެޓެއް ނުއުވޭ، އެގްރޯނެޓް އޮންނާނެ، އެހެންވީމަ އެގްރޯނެޓްގެ އެ މަސައްކަތް ހިންގާ ގޮތް ހަރުދަނާކުރުމަށްޓަކައި ބޮޑަށް ސްޓްރީމްލައިންކޮށް އިތުރަށް ފުޅާކުރުމަށް އަޅުގަނޑުމެން ނިންމީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެގްރޯނެޓްގެ ނިޒާމުގެ ތެރެއިން ދަނޑުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް ދަނޑުވެރިކަން ރަނގަޅުކުރުމަށް ސަރުކާރުން އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.