ޕޯޗުގަލް ޓީމް
ސްޕެއިން ބަލިކޮށް ރޮނާލްޑޯގެ ޕޯޗުގަލް ދެވަނަ ފަހަރަށް ޔޫއޭފާ ނޭޝަންސް ލިގް ކާމިޔާބުކޮށްފިއެވެ.
ވާދަވެފި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފުރިހަމަ ވަގުތު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޕޯޗުގަލް މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސްޕެއިންގެ މާޓިން ޒުބެމެންޑީއެވެ. ޕޯޗުގަލް ޑިފެންޑަރުން އޭރިއާ ތެރެއިން ބޯޅަ ނެރެން މަސައްކަތް ކުރުމުގެ ތެރޭގަ ހުސް ގޯލެއްގެ ތެރެޔަށް އޭނާ ބޯޅަ ވައްދާލީ މެޗުގެ 21 ވަނަ މިނެޓްގައެވެ.
ނަމަވެސް މި ލީޑު މާ ގިނަ އިރަކަށް ނުހިފެހެއްޓެއެވެ. ޕޯޗުގަލްގެ ފުލްބެކް ނޫނޯ މެންޑެސް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުތެއް ގޯލުގެ ތިރީ ކަނަށް ވައްދާލައި ޕޯޗުގަލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިންގެ މިކްލް އޮޔާޒަބާލް އަނެއްކާ ވެސް އެ ޓީމަށް ލީޑު ހޯދައިދިނެވެ. ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއް ކީޕަރުގެ ފައިދަށުން ގޯލަށް ވައްދާލީ މެޗުގެ 45 ވަނަ މިނެޓްގައެވެ.
ދެވަނަ ހާފްގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ވަނީ މެޗު އެއްވަރުކޮށްފައެވެ. 60 ވަނަ މިނެޓްގައި ޖެހުނު މި ލަނޑާއެކު މެޗު ދިޔައީ އިތުރު ވަގުތަށެވެ. އަދި އިތުރު ވަގުތުގެ ފަހު ހާފްގައި ރޮނާލްޑޯއަށް ވަނީ އަނިޔާއެއް ލިބިގެން ދަނޑުން ބާލުވާފައެވެ.
އިތުރު ވަގުތުގައި ވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން މެޗު ދިޔައީ ޕެނަލްޓީ ޝޫޓްއައުޓަކަށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލްގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ހަތަރު ޕެނަލްޓީ ޖެހި ނަމަވެސް ސްޕެއިންގެ މޮރާޓާ ޖެހި ޕެނަލްޓީ ކާމިޔާބުނުވިއެވެ. އަދި އެއާއެކު ޕޯޗުގަލް ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގް ޗެމްޕިއަންކަން ހޯދާފައެވެ.
ކޮމެންޓް