ޕޮޗެޓީނޯ
ޓޮޓެންހަމްގެ ކޯޗު އާންޖެ ޕޮސްޓެކޮގްލޫގެ ބަދަލުގައި އެ ޓީމާ ހަވާލުވުމަކީ ވަރަށް ދުރު ކަމެއް ކަމަށް އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު އަދި ޓޮޓެންހަމްގެ ކުރީގެ ހެޑް ކޯޗު، މޮރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
17 އަހަރު ފަހުން ފުރަތަމަ ފަހަރަށް ކްލަބަށް ތައްޓެއް ކާމިޔާބުކޮށްދިން ނަމަވެސް، ހުކުރު ދުވަހު ޕޮސްޓެކޮގްލޫ ވަނީ ކޯޗުކަމުން ވަކިކޮށްފައެވެ. އެއާއެކު ފަސް އަހަރުގެ މުއްދަތެއް ޓޮޓެންހަމްގައި ހޭދަކުރުމަށްފަހު ކްލަބުން ވަކިވި ޕޮޗެޓީނޯ އަނބުރާ ޓޮޓެންހަމްއަށް ގޮސްދާނެކަމަށް ރިޕޮޓޮތައް ބުނަން ފެށިއެވެ.
ނަމަވެސް، 2024 ގެ އޮކްޓޯބަރުގައި އެމެރިކާގެ މެނޭޖަރުކަމަށް އައްޔަންކުރެވުނު ޕޮޗެޓީނޯ ބުނެފައިވަނީ އޭނާ މިހާރު ހުރި މަގާމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"މިއަދު އަނބުރާ ދިއުމަކީ ވަރަށް ދުރު ކަމެއް،" ޕޮޗެޓީނޯ ބުންޏެވެ. "އަހަރެން މިހިރަ ތަނަށް ބަލާއިރު ޖަވާބު ވަރަށް ސާފް"
"އަޑުއިވޭ ވާހަކަތައް ފެނިއްޖެ، ލިސްޓުގައި 100 ކޯޗުން އެބަތިބި. އެކަމާ ކަންބޮޑުވާން ނުޖެހޭ." އޭނާ އިތުރަށް ބުންޏެވެ.
ޕޮޗެޓީނޯ މި ވާހަކަތައް ދެއްކީ ކަނެކްޓިކަޓްގައި ކުޅުނު މެޗެއްގައި އެމެރިކާ ތުރުކީ އަތުން 2-1 އިން ބަލިވުމަށް ފަހުގައެވެ. މިއީ އެ ޓީމުގެ ވިދިވިދިގެން ކުރިމަތިވި ތިންވަނަ ބައްޔެވެ. މިހާރު ޕޮޗެޓީނޯގެ ދަށުން ކުޅުނު 9 މެޗުން އެމެރިކާ 5 މެޗު ކާމިޔާބުކޮށް 4 މެޗުން ބަލިވެފައިވެއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާ ކެނެޑާ އަދި މެކްސިކޯގައެވެެ.
ކޮމެންޓް