މައްސަލަ ތަހްގީގުކުރަން ރައީސް ހާއްސަ ކޮމިޝަނެއް އުފައްދަވައިފި

ޔުމްނުގެ މައްސަލަ ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު

ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ގާނޫނުއަސާސީން ރައީސަށް ލިބޭ ބާރުގެ ދަށުން އުފެއްދެވި މި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދެވެ. މި ކޮމިޝަންގެ ރައީސަކީ މުނައްވަރު ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.

ރައީސް ރޭ ނެރުއްވި ގަރާރުގައިވާ ގޮތުން، މި ކޮމިޝަންެ ބޭނުމަކީ ޔުމްނު ވެއްޓުނު ހާދިސާއާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ތަހްގީގުކޮށް، އެ ހާދިސާ އާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކުރި މަސައްކަތަކީ ކޮބައިކަން ބަލައި، އެމަނިކުފާނަށް ލަފާ އެރުވުމެވެ.

ރައީސްގެ ގަރާރުގައި ކޮމިޝަނަށް ބާރުތަކެއް ދީފައިވެއެވެ. އެއީ:

ކޮމިޝަންގެ މަސައްކަތަށާއި ތަހްގީގަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހިތެރިކަން ހޯދުން

ކޮމިޝަނުން ކުރާ ތަހްގީގަށް ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން

ހައްޔަރުކުރުމާއި ޖިނާއީ ތަހްގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުގައި އެދުން

ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ހެއްކާއި ލިޔެކިއުން ހުށަހަޅަން އެންގުން

ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ފަރާތަކުން ތަހްގީގުކޮށްފައިވާ ނަމަ އެ ތަހްގީގަކަށް ހޯދާފައިވާ ހެއްކާއި ލިޔެކިއުން ހޯދުން

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ކޮމިޝަނެއް އުފެއްދެވީ އެ މައްސަލައިގެ ތަހްގީގާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބޮޑުވެފައިވާތީއެވެ.

މި މައްސަލައިގައި ޔުމްނާ އެކު އެންމެ ފަހުން އުޅުނު 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް އޭނާ ހިމެނޭހެން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނާ އެކު އެންމެ ފަހުން އުޅުނު އަށް މީހުންގެ ފޯނު ހިފަހައްޓައި ރާއްޖޭން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ރޭ ވަނީ އަމުރުކުރައްވައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.