މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް!

ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަން

މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މުއައްސަސާތަކާ ގުޅިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސްއާ ދެމެދު ވަނީ ދާދި ފަހުން މަޝްވަރާކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ މުއައްސަސާއިން މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު ދެ ކޮމިޝަނަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަސްތުވާތަކެތި ފަދަތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގައި ރޭވިގެން ހިނގަމުންދާ ކުށްތައް، އެކުށަށް އަރައިގަތުމުގެ ކުރިން ހުއްޓުވުމަށްޓަކައި ފުލުހުން މިހާރަށްވުރެ ކުޅަދާނަވާންޖެހޭ ކަމަށާއިރާއްޖޭގައި މާލީ ގޮތުން ހިންގަމުންދާ ކުށް ނުވަތަ ފައިނޭންޝަލް ކްރައިމްތައް ތަޙުޤީޤުކުރުމަށް، ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކުން އިތުރުކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.