ޓީމް ހަފުސް
ޅ. ހިންނަވަރު ކައުންސިލް އިދާރާއާއި އެވޯކާ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބޭއްވި "ރީތި ބީޗް ފިއެސްޓާ 2025" ބީޗް ވޮލީ 4×4 ޓޯނަމެންޓްގެ ޗެމްޕިއަންކަން ހަފުސް ޓީމުން ވަނީ ހޯދައިފައެވެ.
ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ހުރަވަޅި ޕަވަރސްއާ ދެކޮޅަށް ކުޅެ، 2-0 އިން މެޗު ކާމިޔާބުކޮށް ހަފުސް ޓީމް ޗެމްޕިއަންކަން ހޯދިއެވެ.
ހިންނަވަރު "ރީތި ބީޗް" ސަރަހައްދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރިއެވެ. އެއީ ޓީމް ހަފުސް، ހުރަވަޅި ޕަވަރ، ޓީމް ފުށިފަރު، ޑައުންޓައުން، ފޮރެކްސް، ޓީމް ސުޕަވައިޒަރ، ބީޗް ޕައިރޭޓްސް، ވެލިގަނޑު، ޅަވިޔަނި އެޓޯލް ޕޮލިސް އަދި ޔަންގް ބޮއިޒްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ހަފުސް ޓީމުގެ ޢަބްދުﷲ ޙަސަން (ޔަންމާ) އެވެ.
މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންގެ ތެރޭގައި ހަފުސް ޓީމުގެ މުޙައްމަދު ނިހާދު އަދި ހުރަވަޅި ޕަވަރސް ޓީމުގެ ޙުސައިން ޒަޔާނާއި ޢަލީ ނިމާދު ހިމެނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ.
ހިންނަވަރުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު މި މުބާރާތަށް އެވޯކާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަނަކީ މޯލްޑިވްސް، ޔަކިޓޯރި ކެފޭ، ސްކައިޑެކް ރެސްޓޯރަންޓް ، ފެހިމޫސްޓޯރ، އޮޑިއެޕް ،އެލްއެސްޑީ، ޔޫތްޝޮޕް،މިއަޓަ،ކްރިޕްޓަން، އަދި އެހެނިހެން ވިޔަފާރިތަކުން ސްޕޮންސަރ ދީފައިވެއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ތަށްޓާއި މެޑެލް އަދި ފައިސާގެ (ޗެކް) އިނާމު ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް