ބްލިސް ކެއަރ ފައުންޑޭޝަނުން މަޑިވަރު އެއަރޕޯޓަށް ފީލްޑް ޓްރިޕެއް ކުރިއަށް ގެންގޮސްފި

ބްލިސް ކެއަރ ފައުންޑޭޝަނުން މަޑިވަރު އެއަރޕޯޓަށް ކުރެއްވި ދަތުރު

ބްލިސް ކެއަރ ތެރަޕިއުޓިކް ސަރވިސް ކްލިނިކްގައި ތެރަޕީ ނަގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން މަޑިވަރު އެއަރޕޯޓަށް 12 އޭޕްރީލް ވީ ހޮނިހިރުދުވަހު ފީލްޑް ޓްރިޕެއް ކުރިއަށް ގެންގޮސްފިއެވެ.

1000001057.jpg

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް، ސްކޫލް، ތެރަޕީ އަދި ގޭގެ މާހައުލުން ބޭރުގައި، މުޖުތަމަޢުގެ ތެރެއަށް ނެރެ، ތަފާތު އެކި ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ދަތުރުގައި ބްލިސް ކެއަރގެ 43 ދަރިވަރަކާއި، އެކުދިންގެ ބެލެނިވެރިން، ތެރަޕިސްޓުން، ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ ބައިވެރިވެފައެވެ.

1000001073.jpg

މި ޓްރިޕްގެ ތެރެއިން ކުދިންނަށް ފެނި، އަދި ތަޖުރިބާ ކޮށްލަން ލިބިގެން ދިޔަ ކަންކަމުގެ ތެރޭގައި، ފްލައިޓަށް އެރުމަށް ދެވޭ ބޯޑިންގ ޕާސް ލިބި، ސެކިއުރިޓީ ޗެކް ކުރުމާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ފަޔަރ ޓްރަކް އާއި ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ ގޮތް ފެނިގެން ދިއުމާއި، އެއަރޕޯޓް ޓަވަރ އަށް އަރައި އެއަރ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓާގޮތް ފެނިގެން ދިއުން، އަދި ފްލައިޓް ޖައްސާ މަންޒަރު ބަލާލާ ކައިރިއަށް ގޮސް، ޕައިލެޓް އަދި ކްރޫ އާއެކީ ފޮޓޯ ނެގުން ހިމެނެއެވެ.

1000001082.jpg

1000001079.jpg

މިފަދަ ޓްރިޕެއް ހަމަޖެހިގެން ދިޔައީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމުން ކަމުގައިވާތީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކުރެދު ހޯލްޑިންގްސް، މަންޓާ އެއަރ، މަޑިވަރު އެމް.އެން.ޑީ.އެފް އެއަރޕޯޓް ސެކިއުރިޓީ އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވަރަށް ޚާއްޞަ ޝުކުރެއް ފައުންޑޭޝަންގެ ފަރާތުން ވަނީ ދަންނަވާފައެވެ.

https://blisscarefoundation.org.mv/

ބްލިސް ކެއަރ ފައުންޑޭޝަނުން ވިދާޅުވާ ގޮތުގައި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް، މުޖުތަމަޢުގައި، އެހެން ކުދިންނެކޭވެސް އެއްފަދައިން އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ކަންކަން ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.