މި ޤައުމުގެ މިނިވަންކަން ފަޚުރުވެރިކަމާއެކީ މިއަދާ ހަމައަށްއައީ، ގިނަ ޚިދުމަތްތެރިންގެ ހިންމަތާއި މިންނަތުން ކުރެއްވި ބުރަ މަސައްކަތުން: ރައީސް ޑރ. މުޢިއްޒު

ރައީސް ވާހަކަފުޅު ދައްކަވަނީ

ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވޭނީ، ވަރަށް މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކަށްކަމުގައި ވިދާޅުވި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވައި، މި ޤައުމުގެ މިނިވަންކަން ފަޚުރުވެރިކަމާ އެކީ މިއަދާ ހަމައަށް އައީ އެފަދަ ޚިދުމަތްތެރީންގެ ހިންމަތާއި މިންނަތުން ކުރެއްވި ބުރަ މަސައްކަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވޭނީ، ވަރަށް މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކަށްކަމުގައެވެ. އަދި އެފަދަ ގިނަ ޚިދުމަތްތެރިންނަކީ ޤައުމަށް ތެދުވެރި އަދި ހަވާލުވި ކޮންމެ ޒިންމާއެއް ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިޚްލާޞްތެރިކަމާ، ހިންމަތާ އެކީގައި އަދާކުރުމުގެ ވަރުގަދަ ޢަޒުމުގައި ތިއްބަވާ ފަރާތްތަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުން، އެހާ ގިނަ ދުވަހު ޚިދުމަތް ކުރައްވާއިރު ވަރަށް ގިނަ ދަތި އުނދަގޫތައް ކުރިމަތިވާނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެދުވަސްތަކުގައި އެ ޚިދުމަތްތެރީންގެ ޢާއިލާތަކުންވެސް އެކަންކަން ތަޙައްމަލް ކުރައްވާނެކަން ފާހަގަކުރައްވައި އެފަރާތްތަކުން ޤައުމަށްޓަކައި އެ ވަޑައިގެންނެވި ޤުރުބާނީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިނާމު ދެއްވައި އެފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.