އިހު ކުރިގޮތަށް ރައްޔިތުން ގުނބޯ ހައްދަން އެމްޑީޕީ އިން ނިކުމެއްޖެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ގަލޮޅު ދަނޑަށް ބަންގާޅުން އެއްކޮށް ހިންގި ޖަރީމާ އަދު ދިވެހިން ހަނދާން ނުނެތެއެވެ.

2003 ވަނަ އަހަރު ސެޕްޓެމްބަރު 19 ވަނަ ދުވަހު ރާއްޖޭގެ ވެރިރަށް މާލެ މަގުތަށް ހަލަބޮލިކޮއްލި ދުވަހަކެވެ. މާފުށީ ޖަލުގައި އަނިޔާވެރިގޮތަކަށް އީވާން ނަސީމް އަނިޔާކޮށް މަރާލިކަމަށް ބުނެ ދިވެހިން އެ އަނިޔާ ދެކޮޅަށް އިންސާފު ހޯދަން މަގުތަކަށް ނިކުތް ދުވަހެވެ. މިއީ ރާއްޖޭ މި ދެކެމުން މިދާ އިސްލާހީ ހަރަކާތުގެ ފެށުން ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

2007 ވަނަ އަހަރު އެޕްރިލް 15 ދުވަހުގެ ހެދުނަކީ އަނެއްކާވެސް ރާއްޖޭ ވެރިރަށް މާލެ އަދި ހާއްސަކޮށް ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ އަތޮޅު ރައްޔިތުންނަށް ބޮޑު ސިއްހުމެއްގެނެވި ދުވަހެކެވެ. އެއީ އައްޑޫގެ ޒުވާނެއްކަމުގަވާ ހުސެއިން ސޮލާޙް ބޮޑެތި އަނިޔާތަކާއެކު މާލެ ޖަލާއި ދިމާލުން ފަޅުތެރޭ މޫދުގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުމެވެ. މިއީ އަނެއްކާވެސް މުޅި ރާއްޖޭގެ ރައްޔިތުން ކެކި އަރާ އަނިޔާއާއި ދެކޮޅަށް އަދި އިންސާފު ގާއިމުކުރުމަށް ގޮވާލާަ ނިކުތް ދުވަހެކެވެ.

ދެން 2008 ވަނަ ރިޔާސީ އިންތިޙާބަށް ބަލާއިރު ވިސްނަވާ ލައްވާށެވެ. އެމްޑީޕީ އޭރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކީ މި ދެ ޒުވާނުންގެ މަރަށް އިންސާފު ހޯދާދޭނެކަމަށެވެ. އާއިލާއަށް ތަސައްލީ ހޯދައިދީ، ރާއްޖޭގެ އޮތް އަނިޔާވެރިކަން ނިމުމަކަށް ގެންނާކަމުގެ ވައުދު ވަމުންނެވެ. ހުސެން ސޮލާހަށް އިންސާފު ހޯދާދިނުމުގަ ނަމުގައި އައްޑޫ ހިތަދޫ ބޮޑުމަގުގައި "ސަންދޯކު" މުޒާހަރާ އޭރު އެމްޑީޕީއަށް ތާއީދުކުރާ މީހުން ކުރިއެވެ.

މި ހުރިހާ ހަލަބޮލި ކަމަށްފަހު، 2008 ވަނަ އަހަރު ރިޔާސީ އިންތިޙާބުގައި އެމްޑީޕީ އަށް ވެރިކަން ލިބުމާއެކު އެވީ ހުރިހާ ވައުދުތައްމަތިން ހަދާންނެތިއްޖެއެވެ. އިންސާފު ހޯދުމަށް ކުރި ދަތުރު މަތީން ހަނދާން ނެތި މަގު އޮޅިއްޖެއެވެ. އެމްޑީޕީގެ ވެރިކަމުގެ ދައުރުގެ 3 އަހަރު ވެއްޓި ދިޔަ އިރުވެސް އިންސާފު ހޯދާ ދިނުމަށް އެޅި އެންމެ ފިޔަވަޅެއްވެސް ފެންނާކަށް ނެތެވެ.

2012 ވަނަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހަކީ މުޅި ރާއްޖެ ރޮއްވާލި ހިތާަމަވެރި އަދި ބިރުވެރި ދުވަހެކެވެ. ރާއްޖެ ދުށް އެންމެ މޮޅު ފިގުހު އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ތިރީ ގައި ސިޑި ކައިރީގައި އަނިޔާވެރިގޮތަކަށް އަވަހާރަކޮއްލި ދުވަހެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހޫނުވެފައިވާ ދުވަސްވަރެއްގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއެކެވެ. ޑރ ވަހީދުގެ ސަރުކާރު ބަލިކަށިކޮށް 2013 ވަނަ އަހަރު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ވިއްކީ ޑރ. އަފްރާޝީމް ގެ މަރަށް އިންސާފު ހޯދާދޭނެވާހަކައެވެ . ނަމަވެސް ކަން ދިމާކުރިގޮތުން 2013 ވަނަ އަހަރު ރިޔާސީ އިންތިޙާބުގަ އެމްޑީޕީ އަށް ކުރިމަތި ލާންޖެހުނީ ނާކާމިޔާބާއެވެ. މިވަރުން އަދި އެމްޑީޕީ އިން ޑރ އަފްރާަޝީމް މަރު ސިޔާސީ ބޭނުމަށް ބޭނުން ކުރުން ނިމުމަކަށް ނުގެނެއެވެ.

2014 ވަނަ އަހަރު އޯގަސްޓު 8 ވަނަ ދުވަހު ވީނުވީއެއް ނޭގި ގެއްލިފަވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަދި 2017 ވަނަ އަހަރު އެޕްރިލް 23 ވަނަ ދުވަހު އަނިޔާވެރިކޮށް މަރާލައިފަވާ ބުލޮގަރ ޔާމީން ރަޝީދު ގެ މަރަކީ ޑރ . އަފްރާޝީމް މަރާ ގުޅުން ހުރި މަރު ތަކެއް ކަމަށް ބުނެ އޭރުގެ ރައީސް ޔާމީން ސަރުކާރު ބަލިކަށި ކުރުމަށް ބޮޑު ކެމްޕެއިން އެއް ފެށިއެވެ.

މިހެންގޮސް 2018 ވަނަ އަހަރު ރިޔާަސީ އިންތިޙާބުގައި އެމްޑީޕީ އިން އެންމެ ބޮޑަށް ވިއްކީ ވީނުވީއެއް ނޭގި ގެއްލިފަވާ މީހުންނާ އަނިޔާވެރިކޮށް މަރާލާފަވާ މީހުންނަށް އިންސާފު ހޯދަ ދޭނެކަމުގެ ވައުދެވެ. 2018 ވަނަ އަހަރު ރާއީސް އިބުރާހިމު ރިޔާސީ ގަރާރަކުން އުފެއްދެވި މަރު ކޮމިޝަން މަރުވެ ދިޔައީ އިސްވެ ދެންނެވުނު އެއްވެސް މަރަކަށް އިންސާފު ހޯދާނުދެވި އެބޭފުޅުންގެ ސިޔާސީ ބައިވެރިންތަކަކަށް ފައިސާ ދޭ ކޮމިޝަނަކަށްވެއެވެ.

މި އަހަރު އަނެއްކާވެސް އެމްޑީޕީގެ މިސްރާބު ހުރީ މުޖުތަމައުގައި ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސިޔާސީ ފައިދާ ނަގައިގެން 2028 ވަނަ އަހަރު ވެރިކަމަށް އައުމުގެ މަގުޗާޓު ކުރެހުމެވެ. އެމްޑީޕީއިން މަސައްކަތް ކުރަމުން އެދަނީ އަނެއްކާވެސް ހިތާމަވެރި ސިޔާސީ ފައިދާ ނަގަން މަސައްކަތް ކުރާތަނެވެ.

2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުން އެއްވެސް މަރެއްގެ މައްސަލައަކަށް އިންސާފު ހޯދައިދެވިފައެއް ނުވެއެވެ. އެ ކޮމިޝަނުގެ މަސައްކަތް ނިމިގެން ދިޔައީ ހަމައެކަނި ސިޔާސީ ބައެއް ފަރާތްތަކަށް ފައިސާ ދޭ ކޮމިޝަނެއްގެ ގޮތުގައި ކަމަށް ރައްޔިތުނަށް ފާހަގަކުރެވެއެވެ.

1000001801.jpg

މި އަހަރު އެމްޑީޕީގެ މިސްރާބު އެހުރީ އިހު ކަންތައްތައް ކުރިގޮތަށް ރައްޔިތުން ގުނބޯހައްދައިގެން މަގުމަތި ހަލަބޮލިކޮށް ސަރުކާރަށް ނަފުރަތު އުފެއްދުމަށެވެ. މިހާރު އަނެއްކާވެސް އެމްޑީޕީ އަވަދިނެތިވެ އެ އުޅެނީ މުޖުތަމައުގައި ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސިޔާސީ ފައިދާ ނަގައިގެން 2028 ވަނަ އަހަރު ވެރިކަމަށް އައުމުގެ މަގުޗާޓު ކުރެހުމުގައެވެ.

އެހެނަސް ބައްލަވާށެވެ. އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަންގެ ކަންތައްތައް ހުރިގޮތުން ރާއްޖެ ހަރާބުގެ މަގަށް ދިއުމުގެ މެދުވެރިއަކި ފައްޔާޒު އިސްމާއިލްއެވެ. އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ އެންމެހައި ވައްކަންތައްކާއި ކޮރަޕްޝަނުގެ މަންފާ ލިބުނީ ޗެއަރ ފައްޔާޒުއަށް ކަމުގައި ތުހުމަތު ކުރެވެއެވެ.

ވިސްނަވާށެވެ. ގަލޮޅު ދަނޑުގައި ބަންގާޅުން އެއްކޮށް ހިންގި ޖަރީމާއަކީ ދިވެހި ރައްޔިތުންނަށް އެމްޑީޕީގެ ލީޑަރޝިޕްއިން އަގުނުކުރެވޭހައި ބޮޑު ގެއްލުމެކެވެ. ޕާލިމެންޓް ގްރޫޕުން ރޮޒައިނާއެވެ ކިޔަސް ޝާހިދު އަދި އާރުސީސީ އާޒިމުއެވެ ކިޔަސް މުޅި އެމްޑީޕީގެ ލީޑަރޝިޕްއެއްކޮށް ނިކުމެ ރައްޔިތުން ގަޅަހެއްދުމަށް ކުރި މަސައްކަތް އަދި ދިވެހީން ހަނދާނެއް ނުނެތެއެވެ.

1000001803.jpg

އެމްޑީޕީއިން މިފަދަ ހިތާމަވެރި މަރުތަކާއި ހާދިސާތަކުގެ ސިޔާސީ ފައިދާ ނަގައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް ހެއްޔެވެ. ހަނދުމަ ކުރައްވާށެވެ. ޖެންޒީއަކީ ތައުލީމީ ޖީލެކެވެ. ޖެންޒީއަކީ ޑރ. މުއިއްޒުގެ ވިސްނުމާއި އެއްކީލި ޖީލެކެވެ. މި ސަރުކާރު އޮތީ ޖެންޒީގެ ހިމާޔަތާއި ހުވަފެންތައް ހަގީގަތަކަށް ހަދައި ދޭން ފޫގަޅައިގެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.