އެއްބަސް ވުމުގައި ސޮއިކުރުމުގެ ތެރެއިން
ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް 32 ރަށެއްގައި އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ވެމްކޯއާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ކުނި މެނޭޖްކުރަން ބޭނުންވާ ވަޞީލަތްތަކާއި މަރުކަޒުތައް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތަށް އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
މި އަހަރު ނިމުމުގެކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
"މިހާރު މި ސޮއިކުރެވުނު 32 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަޞީލަތް ޤާއިމްކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.
ކޮމެންޓް