ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ: ޚުޠުބާ

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ

ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަމަށް ޚުޠުބާގައި ބުނި

ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

އެންމެ މަންފާހުރި މީހާގެ މައުޞޫއަށް އަލިއަޅުވާލި ޚުޠުބާގައި ބުނީ ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަމަށެވެ. އޭގެއިތުރުން އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުން ހިމެނޭ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ. ރަސޫލާ ހަދީތް ކުރެއްވި ގޮތުގައި މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން އެކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ.

"ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވާށެވެ! އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެ" ރަސޫލާ ޙަދީޘްކުރައްވައިފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެއިތުރުން ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް މަސައްކަތްކުރުމަށް ޚުޠުބާގައި ބުންޏެވެ.

"ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެ. ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެ." ރަސޫލާ ޙަދީޘްކުރައްވައިފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.