ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.
އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ރައީސް ވަޑައިގަތުމުން، ރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދިއްދޫއަކީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 4 ވަނަ ރަށެވެ. މިހާތަނަށް އެމަނިކުފާނު ވަނީ ހއ. މުރައިދޫ، ފިއްލަދޫ އަދި އުތީމަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި ހއ. އަތޮޅުގެ ޖުމްލަ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ މާލެ އަނބުރާ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓް