އިންޓާންޝިޕް ނިންމި ފަރާތްތައް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެމް.އޭ.ސީ.އެލް ގުޅިގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ގުޅިގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެމް.އޭ.ސީ.އެލްގެ އިދާރާގައި 6 މަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި އިންޓާންޝިޕް ފުރިހަމަކުރި 4 ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ވަނީ ދާއިމީ ވަޒީފާވެސް ހަމަޖެހިފައެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މިފަދަ އިތުރު ފުރުޞަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކޮށްދިނުމަށްޓަކައި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
ކޮމެންޓް