ކަސްޓަމްސް އޮފިސަރުން ތަކެއް 400 މިލިއަން ރުފިޔާ ކައްވާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯރޓް ޑިއުޓީއަށްވާ ފައިސާ ނެގުމުގެ ތެރޭގައި ވިއްސަކަށް އޮފިސަރުންގެ އެކައުންޓަށް 400 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ ތަހުގީގު ކުރަމުންދާތާ ފަސް މަސްދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއްޖެއެވެ.

ކަސްޓަމްސް އޮފިސަރުން އިމްޕޯރޓް ޑިއުޓީއަށްވާ ފައިސާ ނެގުމުގެ ތެރޭގައި 400 މިލިއަން ރުފިޔާ ކައްވާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.

"މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައި،" ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ފުލުހުން ޖަވާބު ދިނެވެ.

ނަމަވެސް، މިހާތަނަށް އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާ ކުރަން ނުފޮނުވައެވެ. އަދި އެ ތުހުމަތުތަކާއި ގުޅިގެން އެ މުވައްޒަފުންނާމެދު ކަސްޓަމްސްއިން އެއްވެސް ފިޔަވަޅު އަޅާފައި ވާކަމަކަށްނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އިމްޕޯޓު ޑިއުޓީން ދައުލަތަށް ފައިސާ ނެގުމުގައި ރިޝްވަތު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅުންހުރި ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

އެކަމަކު، ރިޝްވަތުގެ މި ތުހުމަތުގައި ކަސްޓަމްސްގެ ވިއްސަކަށް އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް މައުލޫމާތު ލިބެއެވެ. އެ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ސިއްރު ބައްދަލުވުންތަކެއް ބާއްވައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ކޮމިޓީން ސުވާލު ކޮށްފައިވެއެވެ.

ޔުނިފޯމް މުއައްސަސާތަކާމެދު އިތުބާރު ކޮށްގެން ބަލަން ތިބެވެން ނެތް. އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑަށް އޮތް މަންޒަރު. އިރާދަކުރެއްވިއްޔާ 241 ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތައް ނިމުނީމާ އެކަށީގެންވާ ހަރުކަށި އަދި ތަންފީޒު ކުރެވޭފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނަން. އަޅުގަނޑުމެންނަށް ނެތް ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު ވެސް އިތުބާރު ކޮށްގެން ބަލަން ތިބެވޭކަށް،" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް މިދިޔަ މަހުގެ 9 ގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.