އިބްރާހިމް ފައިސަލް
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު އެ މަޤާމުން ވަކިކުރައްވައިފިއެވެ. މިކަން ރައީސް އޮފީހުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.
އަދި ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ފައިސަލްގެ ބަހެއް ހޯދުމަށް "ވަން" އިން މަސައްކަތްކުރި ނަމަވެސް، އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފައިސަލް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ފަހުން، އޭނާގެ އިނގިރޭސި ބަހުގެ ފެންވަރާ ގުޅޭގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. މިކަމާ ގުޅިގެން ފައިސަލް ވިދާޅުވެފައިވަނީ އިނގިރޭސި ބަހުން ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ފައިސަލްގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، އޭނާ ވަނީ މެލޭޝިއާއިން ބިޒްނަސް މެނޭޖްމަންޓުން ފަސްޓް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މާސްޓާސް ޑިގްރީގެ ތީސިސް ހައްދަވާފައިވަނީ ޓޫރިޒަމް ދާއިރާއަށެވެ. ނަމަވެސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ މާބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
ފައިސަލްގެ އައްޔަންކުރުމާ ގުޅޭގޮތުން އުފެދުނު ސުވާލުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅަށްވުމުގެ ސަބަބުން މަޤާމު ލިބިވަޑައިގަތް ކަމުގެ ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް ފައިސަލް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒު އޭނާއަށް މިނިސްޓަރުކަން ދެއްވީ މަޤާމަށް ޤާބިލު ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ކޮމެންޓް