އެއްވެސް މަސައްކަތެއް ކޮށްފައިނުވާ 22 ރަށުގެ އެއްބަސްވުން ބާތިލްކުރަނީ

މިނިސްޓަރު އިބްރާހިމް ފައިސަލް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ 22 ރަށުގެ އެއްބަސްވުން ބާތިލުކުރަން ބޭނުންވާތީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ގާނޫނީ ލަފައަކަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުރި ގިނަ ރަށްތަކެއް ހުރި ކަމަށެވެ. ރިސޯޓު ހަދަން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި 30 އަހަރު ވެފައި ހުރި ބައެއް ރަށްތައް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ތެރެއިން ތަރައްގީއަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމަށް އޭޖީގެ ލަފައަކަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް އެ ރަށްތައް ނަގާފައި ތިބި ބޭފުޅުން ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުކޮށް، އެ ބޭފުޅުންނާ އަޅުގަނޑުމެން ވާނީ އެކަމުގައި މަޝްވަރާތައް ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރި ގޮތް ހޯދާ ފަރާތްތަކާއި ރިސޯޓު ހަދަން ރަށްތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ނުނިމި ހުރި ރަށްތައް ނަގާފައިވާ ބޭފުޅުންނާއި އިންވެސްޓަރުންނާއި ގުޅުވައިދިނުމުގެ މަސައްކަތް މިނިސްޓްރީޏް ކުރަމުންދާ ކަމަށެވެ.

ބައެއް ރަށްތަކުން ޖޫރިމަނާ ފައިސާގެ ގޮތުގައި 100 މިލިއަން ރުފިޔާއާ ހަމައަށް ނުދައްކާ ހުރި ކަމަށާއި ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި އެ ރަށްތައް މާކެޓަށް ނެރެން ބޭނުންވާނަމަ އެ ރަށްތަކަށް އަރާފައިހުރި ބޮޑެތި ޖޫރިމަނާއާއި އިންޓްރެސްޓުތަކަށް ލުއިތަކެއް ދޭންޖެހޭ ކަމަަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކާމެދު އަމަލުކުރާނެ ގޮތްތަކެއް މަރުހަލާތަކަކަށް ބަހާލައިގެން ނިންމާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.