ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ފަށާ ތާރީހަކީ 28 ޖެނުއަރީ

ޑޮލަރު ގުނަނީ

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރުފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ.

މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބައެއް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ ނުވަތަ ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް ލިބޭ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އެނޫންވެސް ވިޔަފާރިތަކަށް އަހަރެއްގެތެރޭގައި ފަނަރަ މިލިޔަން އެމެރިކާ ޑޮލަރު ލިބޭނަމަ ވަކި މުއްދަތުތަކެއްގައި އެމް.އެމް.އޭގައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި އެފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ހުޅުވާފައިވާ ބޭންކަކަށް ޖަމާކުރަން ވަނީ ކަނޑައަޅާފައެވެ.

ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން، ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަށް، މީލާދީ މަހެއްގެތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ، ބޭންކަށް މާރުކުރުމަށް ޤާނޫނުގައި ހިމަނާފައިވެއެވެ.

މި ޤާނޫނަށް ޢަމަލު ކުރަށް ފަށާފައިވާއިރު، ބޭރުފައިސާ މާރުކޮށް ޖަމާކުރަން ފަށާނީ، މި ޤާނޫނު އައުމުގެ ކުރިން އެމްއެމްއޭއިން މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޤަވާއިދުގެ ދަށުން މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޤާނޫނުގައި ކަނޑައެޅިފައިވާ ކަންކަމަށް ޢަމަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނު ތަންފީޒުކުރާ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.