އިމާރާތްކުރާ ފަރާތްތަކުން، އިންޝުއަރަންސް ކުރި ލިޔުން ހުށަހަޅަން ޖެހޭނެ

ކޮންސްޓްރަކްޝަން ސައިޓެއްގަ މީހުން ހަރަކާތްތެރިވަނީ

އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ޕްރޮޖެކްޓް ލައިސަންސްއަށް ހުށަހަޅާ އިރު އިމާރާތް ކުރުމުގެ ތެރެއިން ލިބޭނެ ގެއްލުމަކަށް ބަދަލު ދިނުމަށް ހޯދާ އިންޝުއަރަންސް ކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ޕްރޮޖެކްޓް ލައިސަންސްއަށް ހުށަހަޅާ އިރު އިންޝުއަރަންސް ކުރި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އިންޝުއަރަންސް ހޯދަން ޖެހޭނީ މަސައްކަތުގެ އަގު 15 ލައްކަ ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުވާނަމަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އިމާރާތްކުރާ ކަމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނައި 5 ވަނަ އިސްލާހުގައި ވަނީ އިމާރަތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭ ގޮތަށް އިންޝުއަރަންސް ކަވަރޭޖް ހޯދަން ވާނެ ކަމަށެވެ. އެއީ އިމާރާތް ކުރަމުންދާ އިރު ވަށައިގެންވާ މާހައުލާއި، މަސައްކަތު މީހުންނާއި، އިމާރާތްތަކާއި، ބިނާރުތަކާއި، ހިނގާބިނގާވެ އުޅޭ މީހުންނާއި، މީހުންގެ މުދަލާއި، އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމުގެ ބަދަލު ދިނުމަށްޓަކައި އެކަންކަން ހިމެނޭ ގޮތަށް ހޯދަން ޖެހޭ އިންޝުއަރަންސް ކަވަރޭޖެކެވެ.

އިންޝުއަރަންސް ނަގަންޖެހޭ ގޮތަށް ގެނެސްފައިވާ އިސްލާހު މި މަހުގެ އެއްވަން ދުވަހު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެހެންކމުން އެ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ޖެހޭނެއެވެ.

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ތަންތަނުގައި މަސައްކަތް ކުރާ ޟީހުން ވެއްޓުމާއި، އެފަދަ ތަންތަނުން ދަގަނޑާއި ކޮންކްރީޓްގަނޑާއި ސިމެންތި ބަސްތާ ފަދަ ތަކެތި ވެއްޓިގެން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައް ހިނގާފައި ހުރި އިރު އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުން މީހުންގެ މުދަލަށާއި ވެހިކަލްތަކަށާއި ގެދޮރަށް ވެސް ގެއްލުންވެފައި އެބަ ހުއްޓެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.