ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ވަޒީރު އިހުސާން

ވަޒީރު އިހުސާން

ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަޤްޞަދެއް ހާސިލް ކުރުމަށް ޤައުމުތަކާއި ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުކަމަށް ވިދާޅުވި

ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ދާޚިލީ ސަލާމާތާއި ފަންނީއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޖިއަންސޫ ޕްރޮވިންސުގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބަވަނަވެފައިވާ ދުނިޔޭގައި މިއަދު ކުށްތައް ހިންގާގޮތާއި އެކަމުގެ ނުރައްކާ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސައިބަރކްރައިމް އާއި، ޓެރަރިޒަމާއި އެކިޤައުމުތަކުގެ ތެރޭގައި ހިންގާ ބޮޑެތި ކުށުގެ ނެޓްވޯޓުތަކުން ގުޅިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ޤައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިގޮންޖެހުންތައް ހައްލުކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭ. އެ މަސައްކަތް ވާން ޖެހޭނީ ޤައުމުތަކުގެ އިޙްތިރާމް އޮންނަ ގޮތަށް، އެކުގައި ޒިންމާވާގޮތަށް އެއް ލަނޑުދަނޑިއެއް ހާސިލްވާ ގޮތަށް ކުރެވޭ މަސައްކަތަކަށް. އަދި އެންމެ ޤައުމަކަށް މިމައްސަލަތަކަށް އެކަނި ހައްލެއް ނުގެނެވޭނެ" ވަޒީރު އިހުސާން ވިދާޅުވިއެވެ

ވަޒީރުގެ ވާހަކަފުޅުގައި ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތައް އެއް ފަރާތްކޮށް، އެއް މަޤްޞަދެއް ހާސިލް ކުރުމަށް ޤައުމުތަކާއި ޖަމާޢަތްތަކާއި އަދި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން މިއަދު މަޖުބޫރުކަމަށް ވިދާޅުވިއެވެ، އަދި މިކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ދުނިޔެ ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ޖިއަންސޫގައި ޕްރޮވިންސްގައި ކުރިއަށްދާ ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ފޯރަމުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން، ވަޒީރު އިހުސާން ވަނީ އެ ފޯރަަމްގެ ހަވާސާގެ ތެރެއިން މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ ވަންގް ޝިއާހޮންގް އާއި ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.