ހުޅުމާލޭގައި ހިނގައިފައިވާ އެކްސިޑެންޓެއް
އޯގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ
ޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި 23 އަހަރުގެ ޒުވާން ފިރިހެނަކު ނިޔާވުމާއެކު، “ރޭސް އަދި ސްޕޯޓްސް ކާރުތައް” އާދަޔާ ޚިލާފަށް ބާރަށް ދުއްވާ މައްސަލައާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ އެކްސިޑެންޓު ހިނގީ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ އުރީދޫ ބިލްޑިންގ ކުރިމައްޗަށްވާ ގޮތަށެވެ. އެ ހާދިސާގައި ނިޔާވީ، ސެންޓްރަލް ޕާކު ސަރަހައްދުގައި އޮތް ޓީއެފްޖީ ރަން ގައި ބައިވެރިވާން ދިޔަ ހަސަން ސަމާހެވެ. މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން 26 އަހަރުގެ މުހައްމަދު ވިސާމު ސިއްދީގު ނަމަކަށް ކިޔާ ދިވެހި ޒުވާނެއް ހައްޔަރުކޮށްފައެވެ. އަދި އެ ޒުވާނާ އަތުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުންރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގައިފަައެވެ.
ރައީސް ޑރ. މުޢިއްޒު އެޅުމަށް ނިންމަވާފައިވާ ފިޔަވަޅުތަށް
މި އެކްސިޑެންޓްގައި "ރޭސް ނުވަތަ ސްޕޯޓްސް ކާރެއް" ހިމެނޭތީވެ ވަރަށް ގިނަ އާންމުން އަންނަނީ މިފަދަ ކާރުތަށް ގެންގުޅޭ އަދި ދުއްވާ ފަރާތްތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ގިނަ ފަރާތްތަކުން އަންނަނީ އެ ފަދަ ކާރުތަށް ރާއްޖެއަށް އެތެރެ ނުކުރާން ގޮވާލަމުންނެވެ. މިފަދަ ގޮވާލުންތަކަށް ކާރުތަކުގެ އެސޯސިއޭޝަންގެ ބޭފުޅުން އަންނަނީ ރައްދުވެސް ދެމުންނެވެ.
އެ ގޮތުން ގަވާއިދާއި އެއްގޮތަށް އެ ކާރުތަކާއި ސައިކަލުތަކުގެ ބޭނުންކުރަމުންދާ ފަރާތްތަކުން ބުނަމުންދަނީ މިފަދަ ކާރެއް ދުއްވަން އިން ނުފަރިތަ މީހެއްގެ ސަބަބުން ހިނގާ ހިތާމަވެރި ހާދިސާ ތަކުގައި ރޭސް ކާރޭ ބުނެ ޤަވާއިދުގެ ތެރެއިން އެކަން ކުރާ ފަރާތްތަކަށް މީހުން ނަފުރަތު ކުރާހެން ވާހަކަ ނުދެއްކުމަށެވެ.
"މާލެ ސަރަހައްދުގައި ބާއްވާ ރޭސްތަކުގައި ކާރުތައް ދުއްވަނީ ތަޖުރިބާ ހުރި ދިވެހިންނެވެ. ޕްރޮފެޝަނަލް މުބާރާތް ތަކުގައި ވާދަކޮށް ދުނިޔެއިން ވަނަތައް ހޯދޭހާ ފެންވަރު އެކުދިންގެ ނެތަސް އެކަން ކަން އިންތިޒާމުކޮށް ބާއްވާ ފަރާތްތަކުން އެކަން ކުރަނީ ރާއްޖޭގެ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ." އެސޯސިއޭޝަންއަކަށް ނިސްބަތްވާ ފަރާތަކުން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ތެދެކެވެ. މި ރޭސްތަށް އިންތިޒާމްކުރާ ފަރާތްތަކުން މި ރޭސްތަށް ބާއްވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިންނެވެ. ސަލާމަތީ ކަންކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅައިގެންނެވެ. މި ކުޅިވަރަކީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލުވެސް ކުޅިވަރެކެވެ. އަދި މި ކުޅިވަރަށް އެތަކެއް ޒުވާނުންގެ ޝައުގުވެރިކަންވެސް އެބަހުއްޓެވެ. ކޮންމެ ސަރުކާރަކުންވެސް ރޭސިންގ އެސޯސިއޭޝަންތަކާއި ބައްދަލުކޮށް، އެ ކުޅިވަރު ތަރައްޤީ ކުރުމަށް "ރޭސިންގ ޓްރެކް" އެއް އަޅާދޭނެކަމަށް ވަރަށް ފޮނި އުއްމީދުތަކާއި ހުވަފެންވެސް ވަނީ ދައްކާފައެވެ. މިއީ ކުރިޔަށް އޮތްތާނގައި ޤައުމަށް ރީތި ނަން ހޯދައިދިނުމަށްވެސް ހުޅުވިފައިވާ ކުޅިވަރެކެވެ.
އޯގަސްޓް މަހުގެ ނިޔަލަށް މަގުމަތީ އެކްސިޑެންޓްގެ 1907 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 1،584 އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލޭގައި ހިނގާފައިވާ 1،166 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު، ހުޅުމާލޭގައި ހިނގި 413 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ވިލިމާލޭގައި 5 އެކްސިޑެންޓް ހިނގާފައިވާކަމަށް މިއަހަރު އޮގަސްޓްމަހުގެ ނިޔަލަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ސުވާލަކީ ޤާނޫނާއި ޤަވާއިދުތަކަށް ނުކިޔަމެންތެރިވާ މަދު ބަޔަކާއިހެދި ޤާނޫނާއި ޤަވާއިދުގެ ތެރެއިން މި ކުޅިވަރުގައި ބޭނުންކުރާ އުޅަނދުތަކާއި އެ އުޅަނދުތަށް ދުއްވާ ފަރާތްތަކަށް ނުރުހުން ފާޅުކުރަންވީހެވެ؟ ނުވަތަ ޤާނޫނާއި ޤަވާއިދުތަކަށް ނުކިޔަމެންތެރިވާ ފަރާތްތަށް ޤާނޫނީ އިމުގެ ތެރެއިން ހައްޤުއަދަބުދީ އުސޫލުތަށް ހަރުދަނާކުރަންވީ ނޫންތޯއެވެ؟ އަދި ޤާނޫނާއި ޤަވާއިދުގައިވާ ހުސްތަންތަން ފުރިހަމަ ކުރަންވީ ނޫންތޯއެވެ؟
ކޮމެންޓް