ފުލުހުންގެ އާސާރު މައުރަޒުން އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދޮށިކަން ފެނޭ: ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ފުލުހުންގެ ޔުނިފޯމްގެ މަޑު އަދި ގަދަ ނޫ ކުލައިން ރަމްޒުކޮށްދެނީ ރައްޔިތުންނާއި ފުލުހުންނާ އޮންނަ ގުޅުން ކަމުގައި ވިދާޅުވި

ފުލުހުންގެ އާސާރު މައުރަޒުން އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދޮށިކަން ފެނިވަޑައިގަންނަވާ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "ފުލުހުންގެ ދާރުލްއާސާރު މައުރަޒު" ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ވަކި އިދާރާއެއްގެ ގޮތުގައި ފުލުހުން ރަސްމީކޮށް އުފެދުނީ މީގެ ވިހި އަހަރު ކުރިން 2004 ގައި ނަމަވެސް، ފުލުހުންގެ ޚިދުމަތަށް ބައި ގަރުނު ވެދާނެ. މީގެ މާނައަކީ ފުލުހުންގެ ޒިންމާ ކަމުގައިވާ ޤައުމެއްގެ ތަރުބިއްޔަތާއި ހަމަ ހިފެހެއްޓުމުގެ މަސައްކަތަށް ބައި ގަރުނު ހޭދަވެއްޖެކަން. މިއީ މާތް މަސައްކަތެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ ޔުނިފޯމްގެ މަޑު އަދި ގަދަ ނޫ ކުލައިން ރަމްޒުކޮށްދެނީ ރައްޔިތުންނާއި ފުލުހުންނާ އޮންނަ ގުޅުން ކަމުގައެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ އާސާރަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީޚުގެ ވާހަކަ ދައްކާނެކަމަށާއި އެކަމުން ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ދާރުލްއާސާރުގައި މިއަދު ވަޒީރު އިފްތިތާޙު ކޮށްދެއްވި މި މައުރަޒުގައި ފުލުހުންގެ ތާރީޚުގައި އެބޭކަލުންގެ މަސައްކަތުގައި ބޭނުންކުރައްވާފައިވާ ބައެއް ތަކެތި މައުރަޒުކުރެވިފައިވެއެވެ. މި ތަކެތީގެ ތެރޭގައި ފުލުހުންގެ ދިގު މާޒީގެ އެކި ހިސާބުތަކުގައި ބޭނުންކޮށްފައިވާ ތަފާތު ޔުނިފޯމްތަކާއި ބެޖްތަކާއި، ތާރީޚީ ފޮޓޯވެސް ވަނީ މައުރަޒު ކުރެވިފައެވެ.

ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވައިލާފައެވެ. އެގޮތުން މި މަހުގެ 3ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 16:00އަށް އަދި 20:00އިން 22:00އަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.