ވަޒީރު ޑރ. މުއްޠަލިބް އައި.އެމް.އެފްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

އައި.އެމް.އެފްގެ މަންދޫބުންނާއެކު ވަޒީރު ޑރ. މުއްޠަލިބް

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރެއްވި

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުންނެވެ. މިގޮތުން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ޕްލޭންތައް ބަޖެޓުކުރެވިފައިވާ ގޮތާއި ގުޅޭގޮތުން އައި.އެމް.އެފްގެ މިޝަން ޗީފަށް މަޢުލޫމާތު ދެއްވާފައެވެ.

ބައްދަލުކުރެއްވުމުގައި އައި.އެމް.އެފްގެ މަންދޫބުން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ރާޢްޖޭގެ މާލީ އަދި އިޤްތިސާދީ ދާއިރާގައި އައި.އެމް.އެފްއަށް ދެވިދާނެ އެހީތެރިކަމާއި ބެހޭ ގޮތުންވެސް ވަނީ ލަފާދެއްވާފައެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ލިބިގެންދާނެ ލުއިފަސޭހަތަކާއި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުންތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ބައްދަލުވުމުގައި އަލިއަޅުވާލަދެއްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.