ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ކޮމްޕްރޮމައިޒް ވުމުގެ ފުރުސަތެއް ރައީސް ނުދެއްވާނެ: ޝައްމާން

ޝައްމާން

ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށްވެސް ޝައްމާން ވިދާޅުވި

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު އަދި ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުރުސަތު ނުދެއްވާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

އެކިއެކި ފަރާތްތަކުން ދެެއްވާ އެއްބާރުލެއްވުމަށާއި ވިދާޅުވާ ހެޔޮ ބަސްފުޅަށް ޝުކުރު ދަންނަވާކަން ހާމަކުރައްވާ ޝައްމާން އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާއަކީ ރޮކެޓް ސައިންޓިސްޓެއް ނޫން ކަމަށެވެ.

އަދި މިއަދު ޤާނޫނުތައް ތަންފީޒުކުރެވެމުން މިދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޤާނޫނަކީ އެއް ހަމައަކުން އެންމެންވެސް ތަބާވާން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.

"ޤާނުނު ތަންފީޒުކުރާ އެންމެހާ އިދާރާތަކަށް އެކަން ކުރުމަށް ފުރިހަމަ ބާރާއި، އޮތޯރިޓީ ދެެއްވާފައިވާތީ" ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން ވިދާޅުވިއެވެ.

ޝައްމާން މިފަދައިން ވިދާޅުވެފައިމިވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްދިޔަ ވަގުތުގައެވެ.

މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރި ވާއިރު މި އޮޕަރޭޝަން ކުރިއަށްދަނީ 52 ގްރޫޕަކަށް ބަހާލައިގެން ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.