ވުޒާރާގެ ހުރިހާ ޑިޕާޓްމަންޓަކުން މަސައްކަތް ކުރަމުންދަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެ ޝާމިލު މުޖުތަމައެއް ބިނާކުރުމަށް: ޑެޕިއުޓީ މިނިސްޓަރ ލަހުފާ

މަރިޔަމް ލަހުފާ ޚަލީލް

ހުރިހާ ކަންކަމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ހުރިހާ ޑިޕާޓުމަންޓަކުން ވެސް މަސައްކަތް ކުރަމުން ދަނީ އެއްވެސް ފަރުކަދު ބާކީ ނުވާނެހެން ހުރިހާ އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެ އެވެ.

ފާއިތުވި 9 މަސް ދުވަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމާއި ހިއްސާކުރައްވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ އެ ވުޒާރާއިން ގެންދަނީ އަންހެނުންނާއި ކުޑަކުދިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއި އެ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޕްރިވެންޝަން ޑިޕާޓްމަންޓަކީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ހާލަތު ގޯސްވުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދީ، ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޑިވިޝަނެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އަދި އެ ޑިޕާޓުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ތިބި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ މަސައްކަތްކުރުމަށް އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޓީމުތައް ތަމްރީނުކުރުމާއި، ހާލަތު ވަޒަންކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިންޓަވެންޝަން ޕްލޭންތައް ހަދައި އާއިލާތަކާއި ގާތުން ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިބަބަ ތަމްރީން ޕްރޮގްރާމު ހަރުދަނާކުރުމަށް ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު 5 ދުވަހަށް އެ ޕްރޮގްރާމު ބަދަލުކޮށް އޭގެ ތެރެއިން 2 ދެވަހަކީ ރަށްތަކުގައި ތިބި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ ޕްލޭން ހެދުމަށް ޚާއްސަ ދުވަސްތައް ކަމުގައި ވަނީ ކަނޑައެޅިފަ އެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި އާއިލީ ދުޅަހެޔޮކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ވަނީ ފެށިގެން ގޮސްފައެވެ.

ހަމައެއާއެކު އާއިލާތަކުގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިސްރަށްވެހިންގެ ނާދީގައި ހިންގޭ ހަރަކާތްތަކާއި، ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރުވާއަށް ގެނެވުނު ބަދަލުތަކާއި މި ހުރިހާ ކަންކަމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޝާމިލު މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާގެ ވާހަގައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.