މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަން ނިންމައިފި

އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އާއި ޑްރަގް ކޯޓުގެ މުވައްޒަފުން

މިހާރު ކުރަމުން އަންނަ ހޭދައިގެ އިތުރަށް 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައިވޭ

މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަން ނިންމައިފިއެވެ.

ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް، މިހާރު ކުރަމުން އަންނަ ހޭދައިގެ އިތުރަށް 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމަޢުއަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ލުބްނާ ވަނީ އެދިވަޑައިގެންފައެވެ.

ފަރުވާގެ ނިޒާމްގެ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވާ، ލުބްނާ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ލުބްނާ ވަނީ ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމަޢުގެ އެހީތެރިކަން ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

2023 ވަނަ އަހަރުގެ ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފަށާއި ހާޒިރީއަށް އެންމެ ރަނގަޅު ފަރާތްތަކަށްވެސް މި ޙަފުލާގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ޑްރަގް ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ ޢާންމު ފަރާތެއް ކަމުގައިވާ ޢަލީ އަދީބަށްވެސް މި ޙަފްލާގައި ހަނދާނީ ފިލާ ދީފައިވެއެވެ.

މި ޙަފްލާގައި ވަނީ ޑްރަގް ކޯޓުގެ މަސައްކަތްތައް ޢާންމުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް ކޯޓުގެ ޔޫޓިއުބު ޗެނަލެއް އިފްތިތާޙްކޮށްފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.